ޖިނާއީ ކުށްތަކުގައި ކުރާ ހައްދުގެ ހުކުމް ތަންފީޒު ކުރަން ހައްދު ޖެހުމުގެ ކަންތައް ކުރާނެ ދޭވާނީއަކު ހޯދުމަށް ކްރިމިނަލް ކޯޓުން އިއުލާނު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި ދޭވާނީގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނެނީ ހައްދު ޖެހުމަށް ސެކްޝަނުން ހަވާލު ކުރާ މީހުންގެ ހައްދު ޖެހުމުގެ އެންމެހާ މަސައްކަތްތަކާއި ކޯޓަށް މީހުން ހާޒިރުވުމުގެ އަމުރު ބެހުމުގެ އިތުރުން މެޖިސްޓްރޭޓް ކޯޓްތަކުގެ ހެކިބަސް ނެގުމުގެ މަސައްކަތުގައި ސެކްޝަނަށް އެހީތެރިވެދިނުން ކަމަށެވެ.
މިމަގާމަށް ކުރިމަތިލާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޝަރުތިތަކުގެ ތެރޭގައި ލިޔަންކިޔަން ދަންނަ މީހެއް ކަމުގައި ވުމާއި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވާން ޖެހޭނެ ކަމަށާއި އަދި ވަޒީފާއަށް އައްޔަން ކުރެވޭ ކޯޓުގައި މުވައްޒަފެއްގެ ގާތްތިމާގެ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށާއި ކޯޓުގައި ޓާމް ޑިއުޓީ އަދާ ކުރެވޭ މީހެއްގެ އިތުރުން އޮފީހުގެ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭނެ މީހެއްކަމުގައިވުން ވެސް ހިމެނެއެވެ.
މި މަގާމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމަށް އެ ކޯޓުން ވަނީ އެދިފައެވެ.
ކޯޓުން ބުނި ގޮތުގައި އެ މަގާމުގެ މުސާރައަށް އަސާސީ މުސާރަ، ޖުޝީޝަލް އެލެވަންސް، ސާވިސް އެލަވަންސް، ލިވިންގް އެލަވަންސްއާއި އެކީ ޖުމްލަ (އަށްހާސް ސާޅީސް ރުފިޔާ) -/8،040 ރުފިޔާ ލިބޭނެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ލިބިގެންދާނެއެވެ.

