މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ތެރޭގައި ހިމެނޭ ފިރުޤާއެކެވެ. ސަބަބަކީ އެމީހުން މުސްލިމުން ކަމަށް ދަޢުވާކޮށް، މުސްލިމުންގެ ނަމުގައި އެމީހުންގެ ފާސިދު ޢަޤީދާ ތަކާއި ކުފުރުގެ ޝިޢާރުތަށް ފަތުރާ، އެކަންކަން ތަރައްގީކޮށް ކުރިއަރުވައި މީހުންގެ ތެރޭގައި ފެތުރުމަށް މަސައްކަތް ކުރާތީއެވެ.
ނަމަވެސް ޙަޤީޤަތަކީ ޤާދިޔާނިން އިސްލާމުންގެ ނަން ލިބިގަނެގެން އެތިބެނީ މަކަރުން އިސްލާމް މިނަމުން ފަރުދާ ވެގެންނެވެ. އަދި ކިއެއްތަ އެމީހުން ވަނީ އަހްލު ކިތާބިންނަށް ފަހުގައި އިސްލާމްދީނާ ދުރަށް ދިޔަ ބައެއް ކަމުގައެވެ. އެމީހުންގެ އަމިއްލަ މަސްލަހަތާއި ފައިދާއަށް މެނުވީ އިސްލާމްދީނުގެ ނަން، އެމީހުންނެއް ބޭނުމެއް ނުވެއެވެ.
އެމީހުންގެ މަޝްހޫރު ފޮތްތަކުން ފެންނަން އޮތްހެން މުސްލިމުންނާ ދީނީ އެއްވެސް މުޢާމަލާތެއް ކުރުމެއް މިމީހުނަށް ނުވެއެވެ. ފަހެއެމީހުންގެ ގާތުގައި މުސްލުމުންނަކީ ކާފިރުންނެވެ. މިކަން ހާމަވާ އެންމެ ޞަރީޙަ ޤަރީނާ އަކީ، މިރުޒާ ޣުލާމަށް އީމާން ނުވުމަކީ ﷲ އާއި އެކަލާނގެ ރަސޫލާއާށް އީމާން ނުވުން ކަމަށް މިރުޒާ ޣުލާމް ބުނެފައިވާ ބުނުމެވެ.
އެމީހުން އަޙްމަދީންގެ ނަމުން ނަން ދީފައި ވަނީ މުސްލިމުންނަށް އޮޅުވާލުމުގެ ގޮތުންނެވެ. މިމީހުން ދެކޭ ގޮތުގައި މިމީހުންގެ މިނަމުން ނިސްބަތް ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށެވެ. ޙަޤީޤަތުގައި އަލްޤާދިޔާނިއްޔަ ޙަރަކާތަކީ އިތުރު އެކަލޭގެފާނުގެ ނުބުއްވަތާއި އަދި އިސްލާމްދީނާއި ދެކޮޅަށް ހިންގި ޙަރަކާތެކެވެ.
ޤާދިޔާނީ ފިކުރަކީ އިސްލާމް ދީނަށް ނިސްބަތް ކުރެވޭ ޝިރުކާއި ކުފުރުގެ މަތީގައި ޔަހޫދީންގެ އެހީތެރިކަމާއެކު ބިނާ ކޮށްފައިވާ ދީނީ ފިކުރެކެވެ.
ހަމައެހެންމެ ޤާދިޔާނިންގެ އެންމެ އިސް ލީޑަރުކަމަށްވާ މިރުޒާ ޣުލާމްއަކީ ކާފަރެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މީނާ އަކީ ކާފަރެއްކަން ސާބިތު ވަނީ އޭނާ ނަބީކަމަށް ދަޢުވާ ކުރުމުންނާއި، އިސްތިޢުމާރީ ބާރަށް ޚިދުމަތް ކޮށްދިނުމުގެ ގޮތުން ޖިހާދު ކުރުމުގެ ފަރުޟު އުވައިލުމުންނާއި، މާތްﷲ އާ އިންސާނުންނާ އެއްފަދަ ކުރުމުންނެވެ. އޭނާގެ ބައްޕައަކީ ކަލާނގެ ކަމަށާއި، އޭނާއަކީ ކަލާނގެ ދަރިކަލުން ކަމުގައި ދަޢުވާ ކުރުމުންނާއި، ކީރިތި މާތް ރަސޫލާގެ ނަބީކަން ޚަތިމް ކުރެއްވި ކަމާމެދު އޭނާ އިންކާރު ކުރުމުންނެވެ.
ޤާދިޔާނިންނާމެދު އަހްލުއްސުންނަތް ޖަމާޢަތުގެ ރައުޔު:
ސުންނަތް ޖަމާޢަތުގެ މީހުން ގަބޫލު ކުރާ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެ، ކުފުރު ވެފައިވާ ބައެކެވެ. ޖިހާދު ކުރުމާއި، ދީނީ މިނިވަންކަމާ ބެހޭ ގޮތުން، ޤާދީޔާނީ މަޒުހަބުގައިވާ ޢަޤީދާއަކީ، އިނގިރޭސި މުސްތަޢުމިރުންނާ ހަނގުރާމަ ކުރުން މަނާ ކުރުމަށްޓަކައި އުފައްދާފައިވާ ދެ ޢަޤީދާއެކެވެ.
ހަމައެހެންމެ ސުންނީންނާއި ޝީޢީންގެ ގިނަ ފިޤުހުވެރިން ދެކޭ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރު ވެފައިވާ ޖަމާޢަތެކެވެ.
ޤާދިޔާނީންގެ އިސް މީހެއް ކަމަށްވާ، މިރުޒާ ނާޞިރު އަޙުމަދާއެކު 30 ގަޑިއިރު ވަންދެން ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިހުން ވަނީ، ޙަޤީޤަތް ހޯދުމަށްޓަކައި މަޝްވަރާ ކޮށްފައެވެ. އެއަށްފަހު އެމަޖިލީހުން ނެރުނު ޤަރާރުގައި ވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫން ކަމަށެވެ.
1974ވަނަ އަހަރު، رابطة العالم الإسلام އިން ވަނީ، ޤާދިޔާނީންނާ މެދު ގޮތެއް ނިންމުމަށްޓަކައި، މައްކާގައި މަހާސިންތާއެއް ބާއްވާފަ އެވެ. އެމަހާސިންތާގައި ބަހުސް ކުރުމަށް ފަހު، ނިންމާފައި ވަނީ، ޤާދިޔާނީންނަކީ، މުސްލިމުންގެ ތެރެއިންވާ ބަޔެއް ނޫން ކަމާއި އެއިން މީހަކު މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅު ނުލުމަށެވެ.
އިސްލާމީ ދުނިޔޭގެ ބޮޑެތި ފިޤުހީ މުއައްސަސާތަކުން ވެސް ބުނެފައި ވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫން ކަމަށެވެ.

