މިދިޔަ އަހަރު ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި، އޭނާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި އެހެން ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މިގޮތަށް މިކަން ނިންމެވީ ނަައީމާގެ މަރުގެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމެވެ. ގާޒީ ނިންމެވީ ބައެއް ހެކިތައް އެއްކޮށް ސިއްރު ކުރުމަށާއި އަނެއް ބައި ހެކިތައް ކޯޓުގައި އެކަނި ބެލޭ ގޮތަށް ވަކި މިންވަރަކަށް ސިއްރު ކުރުމަށެވެ.
ނައީމާގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައެއް ހެކިތައް ސިއްރު ކުރަން ދައުލަތުން އެދުނީ ސިއްރު ހެކިންގެ މައުލޫމާތު ހިމެނޭތީ އެވެ. އަދި ނައީމާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީއެވެ.
ނައީމާގެ ޚަބަރެެއް ނުވެގެން، އޭނާގެ ޢާއިލާއިން ފުލުހުންނަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކުރި ރިޕޯޓަކާ ގުޅިގެން ބަލައި ހޯދުމުގެ ތެރޭގައި ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި ލެއިން ކަޅިވެފައި އޮއްވައެވެ. ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. މިމައްސަލައިގައި ފުލުހުންގެ ތަހުގީގުން ނައީމާ މަރާލުމަށް ބޭނުންކުރި ހަތިޔާރާއި އެރޭ ނައީމާ މަރާލި 3 ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ. ބޭނުންކުރި ތަކެތީގެ ތެރެއިން ބައެއް އެއްޗެހި އަންދައި ނައްތާލާފައިވާއިރު އެއްބައި އެއްޗެހި ފުލުހުން ހޯދީ ވަޅުލާފައި ހުއްޓެވެ.
އެކަނި ދިރިއުޅޭ ނައީމާގެ ތިން ދަރިންވެސް ދިރިއުޅެނީ އޭނާއާ ވަކިންނެވެ. އަދި ނައީމާގެ ފިރިއެއްވެސް ނެތެވެ.
ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތު ކުރި ނަމަވެސް ނައީމާ ސިހުރު ހަދާ މީހެއްކަން ސާބިތުހިފޭނެ އެއްވެސް ކުޑަވެސް ހެއްކެއް ނުފެނެއެވެ.

