މާލޭސިޓީގައި ނަމެއް ކަނޑައަޅައި ހާއްސަ ކޮށްފައި ނެތް ދެ މަގުގެ ތެރެއިން ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަ މަގަށް “ފަލަސްތީނު ހިނގުން” ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެގެ ނަން ނުދީ އޮތް ދެމަގުގެ ތެރެއިން އެއްމަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ހުށައެޅުއްވީ 23 މެއި 2024 ގައި އޮތް ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 151ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ ނަން ކިޔާނެ މަގަކާއި އަދި އެމަގައް ކިޔާނެ ނަމެކެވެ.
އެގޮތުން “ފަލަސްތީނު ހިނގުން” ކިޔަން ނިންމާފައި ވަނީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަ މަގަށެވެ.
ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން މަގަށް ކިޔާނެ ނަން ފާސްކުރި ނަމަވެސް އެ މަގަށް ނަން ކިޔާނެ ތާރީހެއް އަދި ނުނިންމާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

