ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަތީ ފަންތީގެ ލަގްޒަރީ ވިލާތަކެއް އަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބެޗް ކޮންސްޓްރަކްޝަންސްއާ ހަވާލު ކޮށްފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ “އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް” ނަމުގައެވެ. މި މަޝްރޫއުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ކަންމަތީގައި ތަރައްޤީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްޤީކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްޤީ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ މަތީފަންތީގެ ޚިދުމަތްތަކާއެކު ގެދޮރު ތަރައްޤީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ.

