މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ) އިން އެހީތެރިކަން ފޯރު ކޮށްދޭން ނިންމައިފިއެވެ.
މިނިންމުން ނިންމާފައިވާކަން ހާމަ ކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އަދި މިގޮތަށް ނިންމާފައި މިވަނީ އެމަނިކުފާނު މިހާރު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު އާރްޓީއޭގެ އިސްވެރިންނާ ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމަށް ފަހު އަމީން “އެކްސް” ގައި ވިދާޅުވީ ދެ އިދާރާއަށް އެއްބަސްވެވޭ ފްރޭމް ވޯކެއް އެކުލަވާލުމަށްފަހު އާރްޓީއޭ އިން މި ކަމުގައި ފަންނީ އެހީތެރިކަން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ދަށުން މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރަން އާރްޓީއޭ ދުބާއީގެ ޓެކްނޮލޮޖީ އާއި ތަޖުރިބާ ބޭނުން ކުރެވިގެން ދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލު ކުރަން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވާކަން މި އަހަރުގެ ކުރީކޮޅު ވަނީ އިއުލާނު ކޮށްފައެވެ. އިންޓަނޭޝަނަލް ފަންޑިންގައި ޓްރެފިކްގެ މައްސަލަ ހައްލު ކުރަން ޕްރޮފެޝަނަލް އެކްސްޕަޓީސް ހޯދުމަށް ބޭރުގެ ބަޔަކާއެކު މިހާރު ވެސް ސޮއިކޮށްފައެވެ.
ދުނިޔޭގައި ޓްރެފިކްގެ މައްސަލަ ހައްލު ކުރުމުގައި ނަމޫނާ ދައްކާފައިވާ ޔޫއޭއީ ނަވަތަ ސިންގަޕޫރު ފަދަ ގައުމަކުން ވެސް ބައިލޭޓްރަލްގެ ދަށުން އެކްސްޕާޓުން ގެނެސް، ރާއްޖޭގައި ބައިތިއްބައިގެން މުޅި މައްސަލަ ދެނެގަތުމުގެ އެހީއަށް ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އޭރު އަމީން ވިދާޅުވެފައިވެއެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާއިރު 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީ ކޮށްފައިވަނީ މާލެ އަށެވެ.

