މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ވާދަކުރުމުގެ ފުރުސަތު ދީފައި ނުވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި، އެމްޑީޕީގެ އަސާސީ ޚިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މަހުލޫފްގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުން އޮޅުންބެލުމަށް އެމްޑީޕީއަށްވެސް ސިޓީއަކުން ދަންނަވާފައެވެ.
އެމްޑީޕީގެ ފަރާތުން ހޯދަންޖެހޭ ކަންކަން ހޯދައި، އެމްޑީޕީގެ އަސާސީ ގަވާއިދާއި، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މަހުލޫފްގެ މައްސަލަ އެމްޑީޕީން ނިންމާފައިވަނީ މި ހުރިހާ ގަވާއިދުތަކާއި ޚިލާފަށް ކަމަށެވެ. އަދި މަހުލޫފަށް ވާދަނުކުރެވޭކަމަށް ނިންމޭނީ އަސާސީ ގަވާދަށް ބަދަލު ގެނެސްގެންކަމަށް އިލެކްޝަނުން އެމްޑީޕީއަށް އެންގި އެންގުމުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ވާދަކުރުމުގެ ފުރުސަތު ދިނުމާއިމެދު ގޮތެއް ނުނިންމުން ލަސްވާތީ އެމައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އެމްޑީޕީންވަނީ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

