ޙަސަދައަކީ މީހަކަށް ލިބުނު މޮޅުކަމަކާ މެދު ތިމާގެ ހިތްދަތިވުމާއި އެ މޮޅުކަން ފިލައިދިއުމަށް އެދޭއެދުމެވެ. އެއީ ނަފްސާނީ ބަލިތަކުންކުރެ ބައްޔެކެވެ. އާންމު ގޮތެއްގައި އެކަން މެދުވެރިވަނީ އެއްކޮށް އުޅޭ މީހުންގެ މެދުގައެވެ. އެކަކަށް ލިބުނު މޮޅުކަމަށް އަނެކަކު ނުރުހުންތެރިވުމެވެ. މިއީ ޝައިޠާނާގެ ދަންތުރަތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދަންތުރަ ވެސް މެއެވެ. ތިބާއަށް ނުލިބި އަނެކާއަށް ލިބުނު ނިޢުމަތް ފިލައިދިއުމަށް އެދޭ އެދުމެވެ. ނުވަތަ ތިމާއަށް ލިބޭ ނިޢުމަތެއް އަނެކާއަށް ލިބުމަށް ނޭދުމެވެ. މި ކަމަކީ ބައެއް އިންސާނުންގެ ކިބައިން ފެންނަ ނުރަނގަޅު ހަޑިމުޑުދާރު ސިފައެކެވެ.
ޙަސަދަވެރިކަމުގެ ސިފައަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑުއެއްބަފައިކަމާ ދިމާ އިދިކޮޅު ސިފައެކެވެ. ތިމާގެ ނަފުސަށް އެދޭއެދުން އަނެކާއަށް އެދުމަކީ އެއްބަނޑުއެއްބަފައިކަމުގެ ސިފައެވެ. ބުޚާރީ އާއި މުސްލިމުގައި ރިވާކުރައްވައިފައިވާ ހަދީޘެއްގެ މާނައިގައި ވެއެވެ. އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައްތައް ތިބާގެ އަޚާއަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަނުވާނެއެވެ.”
ޙަސަދަވެރިކަމަކީ ﷲ تعالى އާ ދެކޮޅުވެރިވުމުގެ ޢަމަލެއް ކަމުގައި ވެސް ބެލެވިދާނެއެވެ. އެހެނީ ޙަސަދަވެރިޔާ އެ ނުރުހެނީ ﷲ تعالىގެ އިރާދަފުޅުން އެ އިލާހުގެ އަޅަކަށް ދެއްވި ނިޢުމަތާ މެދުއެވެ. ﷲ تعالى އެ ކަމަށް ލޯބިވެވޮޑިގެންވާ ޙާލު ނިޢުމަތް ދެއްވުމުން އެ ނިޢުމަތެއް ނެތި ދިޔުމަށް އެދޭނީ ކޮންފަދައަކުންތޯއެވެ؟ އެއީ ﷲ تعالىގެ ނިޔާއާ ވެސް ދެކޮޅު ކަމެކެވެ. ޙަސަދަވެރިޔާ އެ ނުރުހެނީ ﷲ تعالى އަޅުތަކުންނަށް ދެއްވާ ފަޟްލުވަންތަކަމަށެވެ. ﷲ تعالىގެ ކޯފާއެއް މި ކަމުގައި އަތުވެދާނެތީ އެބަޔަކު ބިރުވެތިވާން ޖެހޭނެއެވެ.
މުޢާވިޔާ ބުން އަބީ ސުފްޔާނު رضي الله عنه ވިދާޅުވިއެވެ. “ނިޢުމަތްތަކުގެ މައްޗަށް ޙަސަދަވެރިވާ މީހަކު ފިޔަވައި ކޮންމެ މީހެއް ވެސް ތިމަންކަލޭގެފާނަށް ރުއްސިދާނެއެވެ. ފަހެ ނިޢުމަތް ފިލައިދިޔުން ނޫން އެހެން ގޮތަކުން ހަސަދަވެރިޔާ ނުރުހޭނެކަން ކަށަވަރެވެ.”
އޭ ލޮބުވެތި މުސްލިމް ދިވެހި ދަރީންނޭވެ! އެ މީހެއްގެ ހިތުގައި އެހެން މީހަކަށް ޙަސަދައެއް އޮތް މީހަކު ދަންނާށެވެ. ފަހެ ތަޤްވާވެރިކަމާއި ކެތްތެރިކަމުގެ ޒަރިއްޔާއިން އެ މީހެއްގެ ނަފުސުން އެކަން ނައްތައިލަން މަސައްކަތް ކުރާށެވެ. ފަހެ ތިބާގެ ހިތުން ޙަސަދަ ފިލުވައިލުމަށް ގަދައަޅާ މަސައްކަތްކޮށްފި މީހާއަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ހުއްޓެވެ. ތިބާގެ ނަފުސުގެ މައްޗަށް ގަދަވެގަންނާށެވެ. އަދި ތިބާގެ މުސްލިމު އަޚާ މޮޅުވެ ކުރިއަރައި ދިޔުމަށް އެދޭ މީހަކަށް ވާށެވެ. ފަލާޙާއި ކާމިޔާބަކީ އަމިއްލަ ނަފުސުގެ އެދުން ދުރުކޮށްފި މީހާއަށް އޮތް އެއްޗެކެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ أَفْضَل / ދީނުގެމަގު

