ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ގައިދީއަކު ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށާއި އެ މަރުގައި އިހުމާލެއް އޮތްތޯ ބަލަން ޕޯސްޓްމޯޓަމް ހަދަން އަންގާފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، ނިޔާވެފައި އޮއްވައި ފެނުނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
ނަމަވެސް، ޖަމީލް ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމާއި ފަރުވާ ދިނުމުގައި ވެސް އިހުމާލުވައިވާ ކަމަށް ބުނެ، ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޖަމީލްގެ މޫނުމަތީގައި ނޫފައިގެންފައިވާ ތަނެއް ހުރުމުން އެއީ އަނިޔާއެއްގެ ނިޝާން ކަމަށް ބުނެ ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ.
އެ ޝަކުވާތަކާ ގުޅިގެން އިހުސާން، “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަލުގައި ކޮންމެ ގައިދީއަކު މަރުވިއަސް، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އިން އެ ކަން ހިނގައިދިޔަ ގޮތުގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. ޝައްކު އުފެދޭ ކަމެއް އުޅޭ ނަމަ އެޗްއާރުސީއެމުން ވެސް މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ރޭ ފަތިސް ނަމާދަށް ފަހު ޖަމީލް ވަޅުލަން ނިންމާފައިވަނިކޮށް، ހޯމް މިނިސްޓަރު ވަނީ އާއިލާގެ ހުއްދައާ އެކު، އޭނާގެ ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވައިފަ އެވެ.
އިހުސާން ވިދާޅުވީ ޖަމީލް އެންމެ ފަހު ވަގުތު ނަމާދުކުރާ ތަން، އެ ގޮޅީގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. ޖަމީލްގެ ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
“މި މައްސަލަ ތަހުގީގުކުރާ ހުރިހާ އިދާރާއަކަށް ސީސީޓީވީ ފުޓޭޖުތައް ހިއްސާ ކުރާނަން،” އިހުސާން ވިދާޅުވި އެވެ.
ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމަށް ފަހު ވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ 27 ވަނަ ދުވަހުގެ މެންދުރު 12:13ގަ އެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45ގަ އެވެ.
ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އައި ޖަމީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވަޅިން ހަމަލާ ދީގެން ވެސް ހައްޔަރުކުރި މީހެކެވެ. އޭގެ ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަމުން ދަނިކޮށް، މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައި ވެ އެވެ.
އަޕްޑޭޓް: ޖަމީލްގެ ޕޯސްޓު މޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފަައެވެ.

