އަނޫޕަމާ ޑްރާމާ އަކީ ސްޓާރޕްލަސް އިން މިހާރު ދައްކަމުންދާ ޑްރާމާތަކުގެ ތެރެއިން ދިވެހިންގެ މެދުގައިވެސް ބަދަލެއް ނައިސް އޮތް ހަމައެކަނި ޑްރާމައެވެ. އިރެއްގައި ކަސައުޓީ ޕްރޭމް ކަހާނީ އިން ކަހާނީ ގަރްގަރްކީ އާއި މިހެން ގޮސް ކާފުގެ އެތައް ޑްރާމާއަކަށް ދިވެހިންގެ ޝައުގު ހުރި ނަމަވެސް އެކްތާކަޕޫރުގެ ޑްރާމާތައް މަދުވާން ފެށުމުން ސްޓަރޕްލަސްއިން ދިވެހިންގެ ނަޒަރުތައް ދުރުވާން ފެށިއެވެ. އަދި ގޭގޭގެ ޓީވީތަކުން ތުރުކީ، ކޮރެއާ މަންޒަރުތައް ހިންދީ އަޑުން ޑަބްކޮށްފައި ހުންނަ ޑްރާމާތައް ފެންނަން ފެށިއެވެ. ތެދަށް ބުނަންޏާ ހިންދީއަށްވުރެ އުރުދޫ ބަލާ މިންވަރު ވެސް ބޮޑުވިއެވެ.
ކަންތައް މިހެން އޮއްވައި ދިވެހިންގެ ހިތް ފުރަތަމަ ދަމައިގަތީ ކެހެނޭކޯ ހަމް ސަފަރްހޭ އަށެވެ. އެހެންނަމަވެސް އޭގެވެސް ދެވަނަ ސީޒަންއާ ހިސާބުން ދިވެހިންގެ މަގުބޫލުކަން ދާން ފެށީ ފަނޑުވަމުންނެވެ. ސްޓަރ ޕްލަސް ބަލާމިންވަރު މަދުވާން ފެށިއެވެ. ނަމަވެސް އަނޫޕަމާގެ ވާހަކަ ފެށުނު ހިސާބުން އިންޑިޔާއެކޭ އެއްވަރަށް ދިވެހިރާއްޖޭގައި ވެސް އެ ޑްރާމާއަށް މީހުން ދޭން ފެށި އަހައްމިއްޔަތުކަން ބޮޑުވިއެވެ.
އަންހެނެއްގެ ދިރިއުޅުމުގައި އަަމިއްލަ ނަފުސު ފަހަށް ޖައްސާފައި ފިރިމީހާއާއި ދަރިންނާއި ފިރިމީހާގެ އާއިލާއަށްޓަކައި މަރުދެމުން ދިޔަ އަންހެނެއްގެ ވާހަކައެވެ. އަދި ދެން ކެހިވެރި ބޭވަފާތެރިކަމަކަށްފަހު އެ ކައިވެނި ރޫޅާލައި އަމިއްލަ ދިރިއުޅުން ކުރިއަށް ޖެއްސުމަށް ހަރުކަށިވި އަނޫޕަމާގެ ވާހަކަ ފުރިހަމަ ވެގެން ދިޔައީ އަނޫޖު އައި ހިސާބުންނެވެ.
26 އަހަރު ވަންދެން އަނޫޕަމާ ދެކެ ލޯބިވުމުގައި އޭނާގެ މުއްސަނދިކަމާއި މަޝްހޫރުކަމާއެކު އޭނާގެ ފުރިހަމަ ރިވެތި ފިރިހެންވަންތަ ޒުވާން ކަމާއެކުވެސް ދެންވެސް އަނޫޕަމާ ފަހަތުން މުގޯލި އަޅަމުންދިޔަ އަނޫޖު ކަޕާޑިޔާއަށް އަނޫޕަމާ ލިބޭގޮތް ވުމާއި އެދެމީހުންގެ ލޯޯބި ލޯބި ކައިވެންޏަށް ކުޑައަނޫ އައި ގޮތް، މިޑްރާމާގެ ކުލަވަރު ބަދަލުވަަމުން ދިޔަގޮތުން މީހުންގެ މަގުބޫލުކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި އަނޫޕަމާ އަނެއްކާވެސް އެހެންމީހުންނަށްޓަކައި އަނޫޖު އާ ވަކިވެ އެދެމީހުން އެކަކު އަނެކަކަށްޓަކައި ހިތްހަލާކުވާ އިރުވެސް ވަކިވުން ބެލުންތެރިންގެ ހިތްތައް ރޮއްވާފައި ވަނިކޮށް ޑްރާމާގެ ފަހުގެ އެޕިސޯޑުތަކުން އަނޫޖު އާއި ޝުރުތީގެ އެންގޭޖްމަންޓް ރޫޅާލާ ހިސާބުން ބެލުންތެރިންގެ އަދަދު އަނެއްކާވެސް އިތުރުވެއްޖެއެވެ.
“އަނޫޕަމާ ދެން އަނޫޖު އާ މެރީ ކުރަންވީ އަނެއްކާވެސް،” މިއީ މިހާރު އެންމެހާ ބެލުންތެރިންގެ އެންމެ ބޮޑު އެދުމެވެ.
މިހަފުތާގެ ބައިތަކުން ފެނިގެންދާނެ ކަމަށް މަންޒަރުތަކުން ދައްކާ އަނޫޕަމާއާއި އަނޫޖު އަލުން އެކަކު އަނެކަކާ ގުޅޭ ކަހަލަ އިހުސާސްތަކެއް ކުރުވާތީ ކަމަށްވެސް ވެދާނެއެވެ، އަނޫޕަމާ ޑްރާމާ އަނެއްކާވެސް ދިވެހިންގެ ޑްރާމާ ލިސްޓުގެވެސް އެންމެ ކުރިއަށް މިވަނީ އަރާފައެވެ.
ރުޕާލީ ގަންގޫލީ އާއި ގޯރަވް ކަންނާގެ ފުރިހަަމަ ހަރަކާތްތައް ދައްކުވައިދޭ މިޑްރާމާ ވަނީ މިހާތަަނަށް އެތަކެއް އެވޯޑްތަކެއްވެސް ހާސިލުކޮށްފައެވެ.

