ސަރޖަރީ ޑޮކްޓަރުން ތަމްރީނު ކުރަން މެލޭޝިޔާ އާއެކު އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުޅިވަރު ކުޅޭއިރު ލިބޭ އަނިޔާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ކުޅިވަރުން ލިބޭ އެކި އަނިޔާތަކާއި އޭގެ ފަރުވާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި މަހާސިންތާ ކުރިއަށް ގެންދިޔައީ މެލޭޝިޔާގެ ކެބާންސަން ޔުނިވަރސިޓީއާއި ޑިޕާޓްމަންޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަރީ އާއި މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަން ގުޅިގެންނެވެ.
މިމަހާސިންތާގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ކުޅިވަރު ކުޅޭ މިންވަރު އިތުރުވަމުންދާ ވަރަކަށް، ކުޅުންތެރިންނަށް އަނިޔާ ލިބޭ މިންވަރު އިތުރުވާނެ ކަމަށާއި، އެހެންކަމުން ޑިމާންޑާ އެއްވަރަށް ފަރުވާ ދޭނެ ޑޮކްޓަރުން ރާއްޖޭގައި ތިބެންޖެހޭ ކަމަށެވެ.
ޢަބްދުﷲ ރާފިޢު ވިދާޅުވީ ދިވެހި މުޖުތަމަޢަކީ ހަށިހެޔޮ ހަރަކާތްތެރި މުޖުތަމަޢަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކުޅިވަރުން ލިބޭ އަނިޔާތަކަށް ފަރުވާކުރާ ޑޮކްޓަރުން ތަމްރީނު ކުރަން މެލޭޝިޔާއާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ. މިއެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ، ޔުނިވަރސިޓީތަކުން ދިވެހި ސާޖަނުންނަށް ތަމްރީން ފުރިހަމަކުރެވޭނެ މަގު ފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މެލޭޝިޔާގެ ސަބާއަށް ގޮސް އެޤައުމުގެ ސްޕޯޓްސް މިނިސްޓަރާ ބައްދަލުކުރުމުގެ ފުރުޞަތެއް އަޅުގަނޑަށް ލިބުނު. މިބައްދަލުވުމުގެ ތެރެއިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ އެއްބަސްވެވިފައި. މިއެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގައި ދިވެހި ޑޮކްޓަރުންނަށް ކިޔެވޭނެ. މިހާރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްގެން އެއްބަސްވުމުގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން.” ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
މިމަހުގެ 26 އިން 27 އަށް ކުރިއަގެންދިޔަ މަހާސިންތާގައި ކުޅުންތެރިން ނުވަތަ އެތުލީޓުންނަށް ލިބޭ ތަފާތު އަނިޔާތަކާ ބެހޭގޮތުން ތަޖުރިބާކާރުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ކޮނޑު ހުޅަށް ލިބޭ އެކި ގެއްލުންތަކަށް ފަރުވާ ދިނުމުގައި ރާއްޖޭއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކަކުލު ހުޅަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ވެސް މި މަހާސިންތާގައިވަނީ މަޝްވަރާކުރައްވާފައެވެ.

