މީގެ ފަހުން ޖަލުގައި މަރުވާ ކޮންމެ ގައިދާއެއްގެ ހަށިގަނޑު އާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އިހުސާން އެހެން ވިދާޅުވީ، ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އިއްޔެ މަރުވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިއްޔެ މަރުވި މުޙައްމަދު ޖަމީލުގެ ހަށިގަނޑުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ބަޔަކު ވަނީ އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތު ވަނީ ދޮގުކޮށްފައެވެ.
އިހުސާން ވަނީ ޖަމީލުގެ ހަށިގަނޑު ހަވާލުކުރުމަށް ފަހު ޕޯސްޓްމޯޓަމެއް ހެދުމަށް އަލުން ހަށިގަނޑާ ހަވާލުވާން މަސައްކަތް ކުރި ސަބަބު ހާމަކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ސޯޝަލް މީޑިއާގައި ދައުރުވި ޖަމީލުގެ ފޮޓޯތަކަކާ ގުޅިގެން އޭނާ މަރުވުމުގައި ގޯހެއް ހިނގާފައިވާ ކަމަށް ތުހުމަތުތަކެއް ކުރެވިގެން ކަމަށެވެ. ނަމަވެސް، އާއިލާއިން އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުނުމާ އެކު ވަޅުލުމަށް އެއްބަސްވި ކަމަށް އިހުސާން ވިދާޅުވި އެވެ.
"މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު. އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓުތައް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރިވެވޭ ވަރަށް ތައްޔާރުވެގެން،" އިހުސާން ވިދާޅުވި އެވެ.
އޭގެ އިތުރުން ވެެސް ޖަލުގައި އަމަލުކުރަމުންދާ ބައެއް ގޮތްތަކަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ. އެއީ، ބައެއް ގައިދީން ނަމާދުގެ ސަޖިދައިގައި ގިނަ ވަގުތު ހޭދަކުރާތީ އެ މީހުންގެ ހަބަރު ބެލުމަށް ގެނައި ބަދަލެކެވެ. ޖަމީލު މަރުވީ ސަޖިދައިގައި އޮއްވައި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.
"ކަރެކްޝަނުން އެއް ގަޑިއިރު ތެރޭ ކޮންމެ ގައިދީއަކު ބަލާނަން. އެއީ އަޅުކަމުގެ ހަރަކާތުގައި ހުއްޓަސް ފުރާނަ ހުރިތޯ ބެލުމަށް،" އިހުސާން ވިދާޅުވި އެވެ.
ޖަމީލުގެ ހަށިގަނޑުގައި އަނިޔާވެފައި ހުރި ކަމަށް ހުރި ނިޝާންތަކަކީ އެއްވެސް މީހެއްގެ ފަރާތުން ލިބިފައިވާ އަނިޔާއެއް ނޫންކަން މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

