ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ބައެއް މީހުންގެ ކިޔަމުންދާ ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްދު ދެެއްވައިފި އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހީންގެ ގައުމިއްޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ ގޮތަށޭ ކިޔާފައި ކޮންމެހެން ބޭކާރު ޚަރަދުތަކެއް ކޮށްފައި އަލުން އަނެއްކާ އައު ރަސްމީ ފާލަމެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ބުނެ މީހަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައި އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 އޮގަސްޓް 2023 ގައި ކަމަށެވެ.
އަދި ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުންކުރާ ފާލަމަކަށްވުމާއެކު މިފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމީ ފާލަން ނުވަތަ “ޢިއްޒުއްދީން ފާލަން” އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުއަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން، ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާ ކުރުމާއި، ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރު ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅު ކުރައްވާ ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކޮށްފައިވަނީ ވެސް އެމްޓީސީސީއިންނެވެ. އެެއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާތާ ގުޅިގެންނެވެ. މި ފާލަން ފަރުމާކުރެވިފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުން ކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ. އަލުން ތަރައްގީ ކުރެވޭ ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ އަދި ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

