ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ޅަފަތުގައި ކަމަށާއި، އެ ނިޒާމަށް ބަދަލުގެނެސް ހަރުދަނާ ކުރާނީ ދިރާސާކޮށް އޭގެ މައްޗަށް ތަޖުރިބާކާރުންނާއި އާންމުންގެ ޚިޔާލު ހޯދައިގެން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ކައުސިލަރުންގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި ހުވާ ކުރުމުގެ ކުރިން އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ހަދަން ޖެހޭ ގޮތަށް ހަދާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ވަރަށް ޅަފަތުގައި އޮތް ހެޔޮ ބަދަލުތަކެއް ބޭނުންވެފައިވާ ނިޒާމެއް ކަމަށެވެ.
އަދި އެ ނިޒާމަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ދެނެގަތުމުގެ އިލްމީ ދިރާސާ އެއް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން ހަދަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދިރާސާއަށް ފަހު އިތުރަށް އާއްމުންގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި ވާހަކަފުޅު ދަކަވަމުން ޑރ. ޒުލްފާ ވިދާޅުވީ ލޯކަލް ކައުންސިލްތަކުގައި ތިއްބަވާ ބައެއް ކައުންސިލަރުން އެބޭފުޅުންގެ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ނުކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި ކައުންސިލަރުން ތަމްރީނު ކުރުމަށް އެމްކިއުއޭ ގަބޫކުރާ ފެންވަރުގެ ކޯހެއް ހިންގައި ހުވާކުރުމުގެ ކުރިން ކައުންސިލަރުން ތަމްރީނު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.
އަދި ކައުންސިލަރުން ތަމްރީންކުރުން އަބަދު ވެސް ކުރިއަށް ގެންދާކަން ފާހަގަކުރައްވަމުން ޒުލްފާ ވިދާޅުވީ، އެފަދަ ކޯސް ފުރިހަމަ ކުރުމަށްފަހުގައި ނޫނީ ހުވާކުރުމުގެ މަރުހަލާ ކަނޑަތު ނުކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ކޯހެއް ތައްޔާރުކޮށްގެން ކައުންސިލަރުންނަށް ތަމްރީން ދިނުމުން ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ގާނޫނުގައި ބުނާ ކަންކަން ރަނގަޅަށް އެނގޭ ބައެއްކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

