ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގުމަށް ހާއްސަ ބިނާއެއް މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޤާއިމްކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއް ކަމަށެވެ. އަދި އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު ހިނގަމުން ދަނީ ކިންގް ސަލްމާން މިސްކިތުގައި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 5 އަހަރު ނިމުމުގެ ކުރިން ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގެވުމަށް ހާއްސަ ބިނާއެއް ގާއިމް ކުރައްވާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ވެރިންނަށްވެސް ދަރިވަރުންނަށްވެސް ޔަގީންކަން އަރުވާނީ އިރާދަކުރެއްވިއްޔާމު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ހާއްސަ ބިނާއެށް ދިވެހިރާއްޖޭގައި ގާއިމް ކުރުމުގެ މި މަސައްކަތާބެހޭ ގޮތުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އިރާދަކުރެއްވިއްޔާ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ ހާއްސަ ބިނާއެއް ދިވެހިރާއްޖޭގައި ގާއިމް ކުރެވޭތޯ ފުރިހަމަ ޔަގީންކަން އަރުވަން” ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި މުބާރާތަކީ ގައުމީ ފެންވަރުގައި ހިންގޭ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް 1000 އަށްވުރެ ގިނަ ދަރިވަރުން މުބާރާތުގައި ބައިވެރިވާއިރު މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މި މުބާރާތަކީ ސިޓީތަކާއި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވިގެން އަންނަ ކުދިން ބައިވެރިވާ ޝަރަފުވެރި މުބާރާތަކަށް ހަދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ކުރިއަށް އޮތްތާނގައި މުބާރާތުގެ އުސޫލީ ކަންކަމަށް ބަދަލު ނުގެނައިކަމުގައިވިއަސް މުބާރާތް ހިންގާ ގޮތަށް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

