ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އެހީވުން ވަރަށް މުހިންމު ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ އިގުތިސާދީ ގޮތުން ވަރަށް ބޮޑު ނުރައްކަލެެއްގައި ކަމަށެވެ. ނަމަވެސް ސަލާމަތުން މި ހިސާބަށް އާދެވުނީ ރައީސްގެ ހިކުމަތްތެރި ފިޔަވަޅުތަކާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެތެރެއާއި ބޭރުގެ ދަރަނި އެތައް މިލިއަން ދައްކަވައިފި. ރައީސްގެ ފިޔަވަޅުތަކަށް ރައްޔިތުން އެހީވުން ވަރަށް މުހިންމު." ވަޒީރު ވިދާޅުވިއެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަން ފެށުނު ފަހުން ފައިސާ ޗާޕުކުރުން ހުއްޓާލައި، މިއަދާ ހަމައަށް އައީ ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައި ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި އެތެރެއާއި ބޭރުގެ ދަރަންޏަށް ޖުމްލަ 13 ބިލިއަން ރުފިޔާގެ ފައިސާ ދައްކައި ޚަލާސް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށާއި މީގެތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށާއި މީގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.