މާލީ ޙާލަތާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މުހިންމު ނިންމުންތަކެއް ނިންމައި ހަރަދު 10 އެއް އިން ސައްތަ އާއި 20 އިން ސައްތައާ ދެމެދުގެ އަދަދަކަށް ކުޑަކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އެމްއޭސީއެލް އިން މިގޮތަށް ނިންމި ކަމުގައި ވިޔަސް މީގެ ސަބަބުން ތަނުގެ މުވައްޒަފުންނަށް އެއްވެސް ކަހަލަ ދެރަ ގޮތެއް ނުވާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. މިއަދުގެ ބަައްދަލުވުމުގައި، އެމްއޭސީއެލް އަކީ ވަރަށް ތަފާތު ދާއިރާތަކުން މަސައްކަތް ކުރާ ކުންފުންޏެއްކަން ފާހަގަކުރައްވައި އެމްޑީ ޝަރީފު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުމަށް ރައީސަށް އެޅުއްވި ފިޔަވަޅުތައް ކާމިޔާބު ކުރެއްވުމަށް އެ ކުންފުންޏަށް ވެސް މުހިންމު ރޯލެއް އަދާ ކުރެވިދާނެ ކަމަށެވެ.
އެގޮތުން ކުންފުނީގެ ޚަރަދު ކުޑަކުރުމަށް 10 ވަރަކަށް ދާއިރާ ކަނޑައަޅުއްވާފައިވާނެ ކަމަށާއި ހަރަދު 10 އިންސައްތަ އާއި 20 އިންސައްތައާ ދޭތެރޭގެ އަދަދަކަށް ކުޑަކުރައްވާނެކަން ހާމަކުރެއްވުމާއެކު އެކަން ހާސިލުކުރައްވަން އަޅުއްވާނެ ބައެއް ފިޔަވަޅުތައް ވެސް ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި ތެލަށް ދާ ޚަރަދާއި ކޮންސިއުމަބަލްސަށް ދާ ޚަރަދާއި ފެނާއި ކަރަންޓާއި ދަތުރުފަތުރާއި ކުންފުނީގެ އެތެރޭގައި ކުރާ ޚަރަދާއި ކޮމިއުނިކޭޝަނާއި އިންވެންޓްރީ އަދި އެތެރޭގެ އިންވެންޓްރީތަކަށް ކުރާ ޚަރަދު ވެސް ހިމެނޭ ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ. އަދި އެކި ހަރަކާތްތައް ބޭއްވުމަށް ކުރާ ޚަރަދުގެ އިތުރުން ބޭންކް ޗާޖަށް ކުރާ ޚަރަދު ވެސް ހިމެނޭ ކަމަށް އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މިއަދުގެ ބައްދަލުވުމުގައި އެހެނިހެން ކަންކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.
އެމްއޭސީއެލް އިން “ޓޭކް އޮފް 2024” ގެ ނަމުގައި ފޯރަމެއް ވެސް ދާދިފަހުން ވަނީ ބާއްވާފައެވެ. އެ ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމްއޭސީއެލް ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. އެފަދަ އިތުރު ފޯރަމެއް އަހަރު ނިންމަން ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

