އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައިގައި ކެޔޮޅު އަދި އެކްޓިވިސްޓް އަލީ ސާޖިދު ހައްޔަރު ކޮށްފިއެވެ.
ގއ ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައާ ގުޅިގެން އުމުރުން 32 އަހަރުގެ ސާޖިދު ހައްޔަރުކޮށްފައިވާ އިރު މި މައްސަލައިގައި ހައްޔަރުކުރީ ސީދާ ސާޖިދު ކަމަށް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސާޖިދަކީ މަސްވެރިންގެ ހައްގުގައި ހާއްސަކޮށް މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލައިގައި ފާޅުގައި ސަރުކާރަށް ފާޑުކިޔަމުން އަންނަ ފަރާތެކެވެ.
ފުލުހުން ބުނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރި ހިންގި މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރި ނަމަވެސް އެއީ ކާކުކަމެއް ހާމައެއް ނުކުރެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

