ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ނަސީމްގެ ބައްޕަ އަލީ ނަސީރު ނިޔާވެއްޖެއެވެ.
75 އަހަރުގެ އަލީ ނަސީރުގެ ހާލު ކުއްލި ގޮތަކަށް ބޮޑުވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހުގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި އޭގެ ފަހުން އަލީ ނަސީރަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށާއި އަދި އޭރުއްސުރެ ވެސް އަލީ ނަސީރުގެ ހާލު ދިޔައީ ސީރިއަސް ވަމުން ކަމަށް ވެއެވެ. އަލީ ނަސީރު ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
އަލީ ނަސީރަކީ ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްދިން ބޭފުޅެކެވެ. އެންމެ ފުރަތަމަ ރާއްޖޭގައި 4ސީ އިންޖީން އަޅައިގެން މަސް ދޯނި އޮޕަރޭޓް ކުރެއްވިއެވެ. އަދި ކ. ދިއްފުށީގައި ކަރަންޓުގެ ހިދުމަތް އަމިއްލައަށް ކައިރި ގޭގެއަށްދީ، އެއަށް ފަހު މުޅި ރަށަށް ކަރަންޓު ފޯރުކޮށް ދެއްވުމުގައި އިސް ރޯލެއް އަދާ ކުރެއްވިއެވެ.
އަލީ ނަސީރުގެ ޖަނާޒާ ބޭއްވީ މިއަދުގެ އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

