ކ. މާފުށްޓަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން އެތެރެ ކުރަން އުޅުނު މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ކ. މާފުށި، ހަނދުވަރުދޭގޭ، މުހައްމަދު ނަސީމަށެވެ. މުހައްމަދު ނަސީމަށް މި ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ފެނިފައި ވާތީއެވެ.
ދައުލަތުން މުހައްމަދު ނަސީމްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެއީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެހާކަންހާއިރު، މަސްތުވާތަކެތި ހިފައިގެން ކ. މާފުއްޓަށް ދާން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލެ، ބޮޑުތަކުރުފާނުމަގު ސިޓީ ގާޑަން އާއި ދިމާލުން ފަޅުތެރޭގައި އޮތް “އައިކޮމް ޕާރްޕަލް” ލޯންޗަށް އޭނާ އަރައި އިންދާ، އޭނާ ހުއްޓުވާ ހަށިގަނޑު ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން މަސްތުވާތަކެތި ފެނިފައިވާ މައްސަލައިގައި ދައުލަތުން މުހައްމަދު ނަސީމް ގެ މައްޗަށް އުފުލާފައިވާ ދައުވާއެވެ.
ކްރިމިނަލް ކޯޓުން އާންމު ކުރި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، އޭނާގެ ޖީބުން ފެނިފައިވަނީ ވަށައިގެން ޓޭޕްއޮޅާ ބަންދުކޮށްފައިވާ އެއްޗެކެވެ. އޭގައި 6 ރަބަރު ކޮތަޅު އޮތްއިރު، ބަރުދަނުގައި 26.6629 ގްރާމް ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯތްތަކުން ދައްކާ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން އޭނާ ބުނެފައިވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށާއި އެއީ ބަޔަކު މީހުން އޭނާއަށް ލަނޑެއް ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އޭނާގެ އަތުން ފެނުނު އެއްޗަކީ ޗާޖަރެއް ކަމަށާއި މާފުއްޓަށް ލޯންޗު ކައިރި ކުރާއިރު، އެއާ ހަވާލުވާނެ މީހަކު ހުންނާނެ ކަމަށް މީހަކު ބުނި ކަމަށާއި އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.
އަދި އެކަމަކީ އޭނާ ކަރެކްޝަންސްގައި ވާޒީފާ އަދާކުރިއިރު، އެތަނުގެ ކަންތައްތަކެއް އިސްލާހު ކުރުމަށް އޭނާ އިސްކޮށް ހުރެ ކުރި ކަންތަކާއި ވިދިގެން އޭނާ ވަޒީފާއިން ބޭރު ކުރުމަށް ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
ހުށަހަޅާފައިވާ ހެކިތަކަށާއި މަސްތުވާތަކެތީގެ ޤާނޫނަށް ބިނާކޮށް މައްސަލަ ބެއްލެވި ގާޒީ، އިސްމާއީލް ޝަފީއު ވަނީ އޭނާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.
މިމައްސަލައިގައި މުހައްމަދު ނަސީމަށް 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް، އޭނާ ތަންފީޒު ކުރަން ޖެހޭނީ، އެމައްސަލައިގައި ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ހުރި މުއްދަތު އުނި ކުރުމަށްފަހު އެވެ.

