ތިން މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފެތުރެމުންދާ ބައެއް ވާހަކަތަކަށް ރައްދުދެއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއިން ވެސް ސިހުރުގެ މައްސަލައެއް ފުލުހުންނަށް ހުށަނާޅާ ކަމަށް ވިދާޅުވެއްޖެއެވެ.
ސިހުރުގެ މައްސަލައެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ހެންވޭރު މެލްބަން ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ އާއި އިތުރު މީހަކު ހައްޔަރު ކުރި މައްސަލައިގައި އެެއީ ރައީސް ޑރ މުއިއްޒާއި އަދި އެމަނިކުފާނުގެ އާއިލާއިން ފުލުހުންނަށް ހުށަހަޅާފއިވާ މައްސަލައެއްކަމަށާއި މިއީ ރައީސްގެ ރޭވުމެއް ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ މި ދަނޑިވަޅުގައި ހީނާ މިވަނީ ރައީސާ ބެހޭ ގޮތުން ދެކެވެމުންދާ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދިގު ވާހަކަަތަކެއްކަމަށެވެ.
ހީނާ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަހުގީގު ކުރާ މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް އާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ދޮގު ހަބަރުތަކެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވެސް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީގުކުރަމުން ގެންދާ ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ ރައީސުލްޖުމްހޫރިޔާއާއި އެމަނިކުފާނުގެ އާއިލާއިން ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް އާންމު މީޑިއާ އާއި މީސް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަ ތަކެއް ކަަމަށް ވިދާޅުވެފައެވެ.
ސިހުރުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކޮށްފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ ތެރެއިން ދެބެއިންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އަދި މި މައްސަލައިގައި ހިމެނޭ 58 އަހަރުގެ ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ޖޫން 29 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

