ކ މާފުށި ޖަލުން ގިނަ އަދަދެއްގެ މޮބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ފުލުހުން އަތުލައިގަނެފި އެވެ.
މާފުށި ޖަލުން މިތަކެތި ހޯދާފައި މިވަނީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައެވެ. ގަވާއިދާ ހިލާފަށް ޖަލަށް އެތެރެކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ މާފުށި ޖަލު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފަ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކަރެކްޝަނަލް ސާވީސްއާ އެމްއެންޑީއެފް ހިމެނޭހެން 304 އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ 183 ފުލުސް އޮފިސަރުންނާއި 81 ސިފައިންގެ އޮފިސަރުންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުންނެވެ.
އޮޕަރޭޝަންގައި ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށްފައިވާއިރު އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ފޯނުތަކުގެ ތެރޭގައި މަދު ފޯނެއް ފިޔަވައި ދެން ހުރީ ސްމާޓް ފޯނުކަން ފާހަގަ ކޮށްލެވެއެވެ.
އަތުލައިގަތް ތަކެތި:
- 29 މޯބައިލް ފޯނު
- 17 ޗާޖަރު
- 12 ހެޑް ސެޓް
- 3 ޕެންޑްރައިވް
- 3 އިއާ ޕޮޑް
- 3 ކޭބަލް
- 2 ސިމް ކާޑު
- 4 ބޮގަރު ފުޅި
އަބަދުވެސް ފޯނާއި އެއާއެކު ބޭނުން ކުރާ ސިމްކާޑު މެމޮރީކާޑުފަދަ ހުރިހާ އެއްޗެއް ތަނުގެ ގަވާއިދާ ހިލާފަށް ޖަލަށް ވައްދާ ކަމަށް މައުލޫމާތު ލިބޭއިރު މިކަމުގައި ތަނާ ހަވާލުވެ ތިބޭ ބައެއް ޑިއުޓީ އޮފިސަރުން ބައިވެރިވާ ވާހަކައަކީ ވެސް އާންމުކޮށް އިވޭ ވާހަކައެކެވެ. އަދި އެތައް ފަހަރަކު މިއީ ތެދެއްކަން ސާބތުވެފައިވާ ކަމެއްވެސް މެއެވެ.

