މާލެ ސަރަޙައްދުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ހުޅުމާލެ އަދި ވިލިމާލޭގައި ޚާއްޞަ ފްލޫ ކްލިނިކްތައް ވަނީ ޤާއިމްކޮށްފައެވެ.
މި ފްލޫ ކްލިނިކްތައް ޤާއިމްކުރުމުގެ މަޤްޞަދަކީ، ޙައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށްވާތީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި ކަމަށްވެސް ބުނެފައި ވެއެވެ.
ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ޚާއްޞަ ކްލިނިކްތައް ޤާއިމްކޮށްފައިމިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަޙައްދުތަކާއި އަތޮޅުތަކުން މި ޚިދުމަތް ދިނުމަށް ޞިއްޙީ ދާއިރާ އޮތީ ތައްޔާރަށް ކަމަށްވެސް ބުނެއެވެ.
އެހެންކަމުން،މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ޙައްޖުން އެނބުރި އަންނަ އެއްވެސް ޙައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ މި ކްލިނިކްތަކުގެ ބޭނުން ހިފުމަށް މި މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

