އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 07:00 ހާއިރު މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާރވިސް ބިލްޑިންގައި ޕާކްކޮށްފައި އޮއްވާ ވަގަށްނަގާފައިވާ މައްސަލައިގައި ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފިހުން ބުނީ މި މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ މިމަހުގެ 27 ގައި ކަމަށެވެ.
މި ކާރު ވަގަށްނެގި މައްސަލައިގައި ދައުވާ ކުރުމަށް ހުށައަޅާފައިވަނީ މ. ސީނީއަސުރުމާގެ، މުޙައްމަދު ޚައިޝަމްއާއި، މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށް ކަމަށްވެސް ޕިޖީން ބުނެއެވެ.
ޕީޖީން ބުނީ މި މައްސަލަ އެ ދެފަރާތުގެ މައްޗަށް ސާބިތުވެއްޖެނަމަ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށެވެ.
މީގެ އިތުރުން ޕީޖީން ބުނީ މ. މޮޑަންކޮމެޓް، އަޙްމަދު ނިޡާމްގެ މައްޗަށް ކުރެވޭ ދަޢުވާއަކީ އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާ ކަމަށެވެ. އެގޮތުން އޭނާ ވަނީ ވޭނެއް އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާ އޮޅުވާލުމަށް މަސައްކަތް ކޮށްފައި ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާތީ އަޙްމަދު ނިޡާމްގެ މައްޗަށްކުށް ސާބިތު ވެއްޖެނަމަ 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ ކަމަށްވެސް ބުނެއެވެ.
މި މައްސަލައިގައި ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރު ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
މި ކާރު ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ މީގެ ކުރިން ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ ނިޒާމް އަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި، އޭނާގެ ނަމުގައި 100 ވެހިކަލް ރެޖިސްޓްރީކޮށްފައިވާ ކަން ފާހަގަވެފައިވ ކަމަށެވެ.

