ގްރީސްގެ ވެރިރަށް އެތެންސް ކައިރީގައި ފެތުރެމުންދާ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ހޫނު މޫސުމުގެ ހޫނުގަދަވާ ވަރަކަށް އަލިފާނުގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ.
ކްލައިމެޓް ކްރައިސިސް އެންޑް ސިވިލް ޕްރޮޓެކްޝަން މިނިސްޓަރު ވަސިލިސް ކިކިލިއަސް އާދީއްތަ ދުވަހުގެ ރޭ ބުނެފައިވާ ގޮތުގައި މިއަދު އެޓިކާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިނގި ނުރައްކާތެރި ދެ އަލިފާނުގެ ހާދިސާތަކުގައިވެސް ކެރަޓީއާ އާއި ސްޓެމަޓާއަށް ވައިގަދަވުމުގެ ސަބަބުން ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކަމަށާއި އަދި އެ އަލިފާންގަނޑުތައް ނިއްވާފައިވާ ކަމަށެވެ.
މި އަލިފާންގަނޑުގެ ސަބަބުން ގެތަކާއި ކާރުތައް ހަލާކުވެ، އެތެންސްގެ ވަށައިގެންވާ އަށް ސަރަހައްދެއް ހުސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
ފަޔާ ޑިޕާޓްމަންޓުގެ ތަރުޖަމާނު ވަސިލިސް ވަތުރަކޮގިއާނިސް އާދީއްތަ ދުވަހު ބޭއްވި ކުއްލި ޕްރެސް ބްރީފިންގައި ބުނެފައިވާ ގޮތުގައި މިއަދަކީ މިއަހަރުގެ އަލިފާން ނިއްވުމުގައި ފަޔާ ބްރިގޭޑަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސް ކަމަށެވެ.
އެތެންސްގެ ދެކުނުގައި އޮންނަ ކެރަޓީއާ އަވަށާއި، އުތުރުން، ސްޓެމަޓާގެ ކޮމިއުނިޓީގައި، 60 ކިލޯމީޓަރު (37 މޭލު) ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން އަލިފާންގަނޑު ފެތުރިގެން ދިޔަ އެވެ.
"ވައި ގަދަވަމުން ދާތީ އަލިފާން ފެތުރޭ މިންވަރު އިތުރުވެއްޖެ. އަދި އަލިފާން ނިއްވަންވެސް ވަރަށް އުދަނގޫ. " ލަވްރިއޯޓިކީގެ މޭޔަރު ޑިމިޓްރިސް ލޫކަސް އެތެންސް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައި ވެއެވެ.

ކެރެޓިއާ ސަރަހައްދުގައި އަލިފާން ރޯވެ އަނދާ ހުލިވެފައިވާ ގެއެއް. ފޮޓޯ:ޖިއޯގޯސް މައުތަފިސް / ރޮއިޓަރސް
އެވިއާ އައިލެންޑް ކައިރީގައި އޮންނަ ރިޓްސޯނާގައި ހުންނަ ރިސައިކްލިން ފެކްޓްރީއެއްގައި ވެސް މިދިޔަ އާދީއްތަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައި، ކައިރި ސަރަހައްދުތަކުގައި ތިބި ތަކެތި އަނދައި އުޑުމަތި ކަޅު ދުމުން ފުރިގެން ދިޔަ އެވެ. އަލިފާން ނިއްވާ މީހުން ވަނީ އިންޑަސްޓްރިއަލް ޒޯނުގެ އެހެން ފެކްޓްރީތަކަށް އަލިފާން ގަނޑު ފެތުރުން ހުއްޓުވުމަށް މަސައްކަތްކޮށްފަ އެވެ.
ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޯޓަކިސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގްރީސްގެ ރައްޔިތުން ހޫނު މޫސުމުގައި އިތުރުވަމުންދާ އަލިފާނުގެ ހާދިސާތަކަށް ތައްޔާރުވުމަށް އެދިފައެވެ.
"އުނދަގޫ ދުވަސްތައް އަދިވެސް އޮތީ ކުރިއަށް. އަޅުަގަނޑުމެން މިހާރު މަސައްކަތްކުރަމުންދަނީ ދިގު މުއްދަތަކަށް މި ކަމުން ރައްކާތެރިކަން ލިބޭނެ ގޮތެއް ހޯދުމަށް." އޭނާ ބުނެފައިވެ އެވެ.

