އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފިއެވެ.
އަލީ ހާޝިމް މަގާމުން ދުރުކުރަން ލަފާ އަރުވަން މާލިއްޔަތު ކޮމެޓީން އިއްޔެ ފާސްކުރުމުން އެމައްސަލަ މިއަދު ވަނީ މަޖިލިސް ޖަލްސާއަށް ގެނެސްފައެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވި މާލިއްޔަތު ކޮމެޓީގެ ސިޓީގައި އަލީ ހާޝިމްގެ ފަރާތުން ފާހަގަ ކުރެވޭ ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ.
އޭގެތެރޭގައި ގައުމުގެ އިޤުތިޞާދީ ހާލަތު އަލުން އިއާދަ ކުރަން އުނދަގޫ ހާލަތަކަށް ދިޔައިރު އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކުރާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަލީ ހާޝިމަށް ޒިންމާ އަދާކުރެވިފައި ނުވާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި މަނިޓަރީ ޕޮލިސީ ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގަމުންދާތަން ފެންނަން ނެތް ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ. މާލީ ޒިންމާތަކާއި ގުޅޭ ޤަވައިދުތައް އަދާހަމަ ނުކުރެވުން ވެސް އަލީ ހާޝިމްގެ މައްސަލައެއްގެ ގޮތުގައި ކޮމެޓީން ފާހަގަ ކޮށްފައި ވެއެވެ.
އަލި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު އަލީ ހާޝިމް ބާރުއަޅުއްވާ ކަމަށާއި އެކަމުގެ ސަބަބުން އިޤުތިޞާދުގައި ދައުރުވާ ފައިސާގެ އަދަދު މަދުވެ، އެކަމުގެ ގެއްލުން ލިބޭނެ ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ.
އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 08 ވަނަ ދުވަހު އެވެ.

