ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހަކު ޝަރިއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރ. އިނގުރައިދޫ، ނައިޓްވިއު، މުހައްމަދު ޝަހުދު މުސްތަފާ 19އ، އާއި ފ. ފީއަލީ، ރަހުމަތު އުފާ، މުހައްމަދު އާދަމް 24އ، ހައްޔަރު ކުރުމަށްފަހު ތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި އެމައްސަލައިގެ ތަހުގީގު ނިމިފައިވާތީ މައްސަލަ ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައެވެ. އެ އޮފީހުން ވަނީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދިފައެވެ.
އެހެން ކަމުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވަނީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އެ މައްސަލައިގައި އެ ދެ މީހުންގެ އަތުން ފަސް ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އަމުރުގައިވާގޮތުން އެ ދެ މީހުންނާއި ދެކޮޅަށް ޕީޖީން ވަނީ، ފުލުހުންގެ ބަޔާނާއި، ކޯލް ޗާޓާއި، ފިންގަރ ޕްރިންޓް އައިޑެންޓިފިކޭޝަން ނޯޓިސް އާއި ކްރަައިމް ސީން ރިޕޯޓުގެ އިތުރުން މަސްތުވާތަކެތީގެ ތަހުލީލީ ރިޕޯޓު ހުށަހަޅާފައެވެ.
އެ ދެ މީހުންގެ ތެރެއިން ޝަހުދުއަށް، ކެނެބިސް ޓަރެފިކް ކުރުމުގެ ދައުވާ އާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލް 1ގައި ހިމެނޭ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ދައުވާކޮށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
މުހައްމަދު އާދަމްގެ މައްޗަށް ކުރަނީ ކެނެބިސް ޓްރެފިކް ކުރުމާއި، ޓރެފިކް ކުރުމުގައި އެހީތެރިވެދިނުމާއި ބައިވެރިވުމުިގެ ދައުވާ އާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެ މައްސަލަ ވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
އޭގެ އިތުރުން މުހައްމަދު އާދަމްގެ ކަންފަތުގެ އެތެރެ ފާރުވެ، ކަންފަތް ކައިރި ނޫފައިގެން ގޮސްފައިވާ ކަމަށް ފާހަގަކުރާތީ އެކަމަށް އެކަށިގެންވާ ބޭސްފަރުވާ ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

