ސަބްސްޓޭޝަނެއްގެ ކޭބަލެއް ވަގަށް ނަގާ ބުރިކުރުމުން މާލޭ ބައެއް ސަރަހައްދުން ކަރަންޓްދާތީ އެމައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު މަޖީދިއްޔާ ސުކޫލު ސަރަހައްދުގައި ހުންނަ ސަބްސްޓޭޝަން ކޭބަލްތަކެއް 6:12 ކަންހާއިރު ބުރިކޮށް އެތަކެތި ވަގަށް ނަގާފައިވާތީ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމައްސަލައާ ގުޅިގެން ސްޓެލްކޯއިން ބުނީ އެކުންފުނީގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރާ ގުޅާފައިވާ ކޭބަލް ބުރިކޮށް ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
ކޭބަލްތަކެއް ބުރި ކޮށް މި ފަދަ މައްސަލަތައް ވަނީ ތަކުރާރުވެފައެވެ. މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ހުޅުމާލޭ ހިޔާ ފްލެޓު ސަރަޙައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލެއްވެސް ވަނީ ބުރިކޮށްފައެވެ.
އަދި އެ ކޭބަލް ބުރި ކޮށްގެން ވަގަށް ނަގަން އުޅެނިކޮށް މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރުވެސް ވެފައެވެ.

