އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޅޮހީ ބަނދަރު މަޝްރޫއުގެ މަސައްކަތް 44 އިންސައްތަ ނިންމައިފިއެވެ.
އެމްޓީސީސީއިން ބުނީ ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަަސައްކަތްތަކުގެ 44 އިންސައްތަ ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2,205 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 366 މީޓަރުގެ އެއްގަމުތޮށި ލުމާއި، 321 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އޭގެ އިތުރުން، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,720 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއަކީ 64.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

