ދިވެހިރާއްޖޭގެ އިމާމުންނާއި ޚަތީބުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން އިތުރު ތަމްރީން ދިނުމަށް ފަށާފައިވާ ޚާއްސަ ޕްރޮގްރާމުގެ ތެރެއިން 20 އިމާމަކު މި މަހުގެ 15 ވަނަ ދުވަހު ބުރުނާއީއަށް ފުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، އިމާމުންގެ ތަމްރީން ޕްރޮގްރާމް އޮންނާނީ ބްރޫނާއިގެ ޤައުމީ އިސްލާމީ ޔުނިވާސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވާސިޓީގައިކަމަށެވެ. ސުލްޠާން ޝަރީފް ޔުނިވާސިޓީއަކީ ބުރުނާއީގައި ފުރަތަމަ ބިނާކުރި އިސްލާމީ ޔުނިވާސިޓީކަން ފާހަގަކޮށްލެވެއެވެ.
ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވައިގެން އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާއި އެ ނޫން ވެސް އިސްލާމީ ބޮޑެތި ޔުނިވަސިޓީތަކަށް ފޮނުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން ދެއްވާފައެވެ.
އިމާމުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 20 އިމާމުން ވަނީ މިއަހަރު މައްކާއަށްވެސް ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގައި ތިބި ހުރިހާ އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއުގައި ގއ. ގެމަނަފުށީގައި ވަނީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެފައިވެއެވެ.
އިމާމުންނާއި ޚަޠީބުން އިތުރަށް ތަމްރީން ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

