ވަހައާއި ރަހަ އާމެދު ނުވިސްނާށެވެ. ހުރިހާ އެއްޗެއް މީރެއް ނުވާނެއެވެ. އަދި މީރުވުން ލާޒިމެއްވެސް ނޫންތާއެވެ. ވަސްނުބައި ވެފައި ރަހަ ކިތަންމެ ކަމުނުދިޔަސް ހިތާއި ޒަމީރު ރުހެންޏާ އެކަން އެ ނިމުނީތާއެވެ. އަމުދުން ސިއްހަތަށް ފައިދާ ހުރުމާއެކު، އޭގެ ސަބަބުން ގައިގައި އަޅަމުންދާ ވޭނަަކުން މިންޖުކޮށްދެންޏާ އެވަރެއް ނޯންނާނެ އެހެންނޫންތޯއެެވެ.
ވައިގެ އުނދަގުލަކީ ދުލުން ބުންޏަސް އެ އިހުސާސް ތަޖުރިބާ ނުކުރާ ފަރާތަކަށް ނޭނގޭވަރުގެ ބޮޑު ވޭނެކެވެ. އެހެންކަމުން ވައިގެ އުނދަގުލާއި، މޭ އެންދުން، ބަނޑު ފުއްްޕާފައި ހުރުން ބަނޑުގައި ރިއްސުންފަދަ ކަންތައްތަކަށް ބޭސް ކެއުމަށްވުރެ ރަނގަޅު ފަރުވާއެއް ބުނެދެން ގަސްދުުކުރަމެވެ. އެކި މީހުންނަށް ވައިގެ އުނދަގުލުން ސަލާމަތް ވުމަށް އެކި އެއްޗެހި އެހީތެރިވެދެއެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އަލުތްވަކީ އޭގެ ޒާތުގައި ވައި ހެދޭ އެއްޗެކެވެ. ގޮތަކަށް ބުނާނަމަ މިއީ ތެދެކޭ ވެސް ބުނެވިދާނެއެވެ. އެކަމަކު ހަގީގަތުގައި މި ރެސިޕީގައި ކިޔައިދޭން މިއުޅެނީ އަލުވި ކާއެއްޗެއްގެ ގޮތުގައި ބޭނުން ކުރާ ވާހަކައެެއް ނޫނެވެ. އެކަމަކު ފެނާ އެއްކޮށްގެން އޭގެއިން ދިޔަ ނަގާ ވާހަކައެވެ. ތެލަށް އަޅައިގެން ތެލުލައިގެން ކެއުމާއި ފެނަށް އަޅައިގެން އޭގެއިން ނަގާ ދިޔައިގެ ބޭނުން ކުރުމުގައި ތަފާތުތަކެއް ހުރެދާނެކަން ގަބޫލު ނުކުރެވޭތޯއެވެ.
އަލުވި، ފިހެފައި ނުވަތަ ފެނުކައްކައިގެން ނުވަތަ ފެނާއެކު އެއްކޮށް އޭގެއިން ޖޫސްނަގައިގެން، އަދި ހަމައެހެންމެ ހައި ފެޓް ޓޮޕިންގްސް އާ ނުލައި ތައްޔާރުކޮށްފައިވާ އަލުވިއަކީ އެސިޑް ރިފްލަކްސް އިން ރައްކާތެރިވުމަށް އެހީތެރިވެދޭ ރަނގަޅު އެއްޗެކެވެ. މާނައަކީ އަލުވި މިދެންނެވި ގޮތްގޮތަށް ބޭނުންކުރުމުން އެސިޑިޓީ ނުވަތަ ވައިގެ އުނދަގޫ ނުޖެހޭނެއެވެ. އެހެންނަމަވެސް ސްޓާޗް މިހާ ގިނައެއްޗެއް ތެލާ އެކުވުމުން ނުވަތަ ކުޅި ހަވާދަކާ އެކުވުމުން ވައިިގެ އުނދަގޫ ޖެހޭނެކަން ޔަގީނެވެ. އެހެންކަމުން ފްރެންޗް ފްރައިޒް އާއި ޕޮޓޭޓޯ ޗިޕްސް އާ ދުރުވާން މަސައްކަތް ކުރާށެވެ. އެކި އެއްޗެއްސާއެކު އެއްކޮށްގެން އެކި ރަހަރަހަ ރަނގަޅަށް ހުންނަ ވަރަކަށް އެތަކެތީގައި ފެޓް ގިނަވުމަކީ ބަނޑުގައި ރިއްސުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
އެހެންކަމުން އަލުވި މިއީ ވައި ހެދޭ އެއްޗެކޭ މިހެން ބުނާ ފަރާތްތަކަށްވެސް މާޔޯކްލިނިކްގެ ޑޮކްޓަރ އެވަނީ ޖަވާބު ދެއްވާފައެވެ.
އެހެން ކަމުން މިގެނެސްދެނީ އަލުވި ޖޫސް ތައްޔާރު ކުރާނެ ގޮތާއި އަލުވި ޖޫހުގެ ފައިދާތަކުގެ ވާހަކައެވެ. އަލުވި ޖޫހަކީ މުޅި ގޮހޮރުގެ ސިއްހަތު ރަނގަޅުކޮށް، ސިއްހީ ހާލަތްތަކަށް ފަރުވާ ދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

ވަހާއިރަހަ ނުބައިވިޔަސް އޭގެއިން ގައިގައި އަޅާވޭން ފިލުވައިލެވޭނަމަ މައްސަލައެއް ނެތެއް ނޫންހެއްޔެވެ….ފޮޓޯ:އައިސްޓް
އަލުވި ޖޫހަކީ ވަރަށް ބޮޑަށް އަލްކަލައިން ހިމެނޭ ބުއިމެކެވެ. ބަނޑުގެ އެސިޑިޓީ ނިއުޓްރަލައިޒްކޮށް އެންޓަސިޑްސް އާ އެއްގޮތަށް މަސައްކަތް ކުރާ ޖޫހެކެވެ. ހަޖަމުކުރުމުގެ ނިޒާމުގެ އިންފްލެމޭޝަނަށް ހަމަޖެހުން ގެނެސްދެއެވެ. މެއިން ދިލަނެގުން، މޭ އެންދުން، ގެސްޓްރައިޓިސް، ބަނޑުގައި އުފެދޭ އަލްސާ އަށްވެސް މިއީ ހަމައެންމެ ރަނގަޅު ފަރުވާއެކެވެ.
ޞިއްޙީ ގޮތުން ލިބޭ ފައިދާތައް:
- ބަނޑުފުފިފައި ހުރުން ރަނގަޅުކޮށްދޭ
- ގޭސްސްޓްރިކަށް ހައްލު
- މޭ އެންދުން ރަނގަޅުކޮށްދޭ
- ގޭސްޓްރޯއެސޯފެޖިއަލް ރިފްލަކްސް އަށް ހައްލެއް
- ހަޖަމުނުވުމުގެ މައްސަލައަށް ހައްލެއް ލިބޭ
މީގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމުގައި އިންފްލެމޭޝަން ކުޑަ ކޮށްދޭނެ އެވެ. އަލުވި ޖޫހަކީ ބަނޑުހައިވުމާއި، ބަނޑުގައި ރިއްސުމާއި، ބަނޑުގައި ވައިހެދުމުގެ މައްސަލަތަކަށް ޑޮކްޓަރީ ބޭހާއި އިންޖެކްޝަނާއި އައިވީފަދަ ފަރުވާތަކަށްވުރެ މިއީ މާބޮޑަށްވެސް ރަނގަޅު ފަރުވާއެކެވެ.
އަލުވި ޖޫސް ތައްޔާރު ކުރާނެ ގޮތް:
ހެޔޮވަރުގެ އަލުތްވެއް ހޯދާށެވެ. އަލުވި ރަނގަޅަށް ދޮވުމަށްފަހު ތޮށި މަށައި ކުދިކޮށް، (އެންމެ ކުދިކުދިކޮށް ނޫން،) ކޮށާލާށެވެ. ބްލެންޑަރ އަށް 200 މިލިލީޓަރުގެ ފެނާއެކު އަޅާށެވެ. އެންމެ ހެޔޮވަރު ވަރަކަށް އެއްކޮށްލުމަށްފަހު ފުރޭންޏަކުން ތަށްޓަކަށް ފުރާނާލާށެވެ. އިތުރަށް ލަސްކުރުމެއް ނެތި ތާޒާކަން މަތީގައި ބޯލާށެވެ. ހެނދުނު ހުސްބަނޑާހުރެ ކޮންމެ ދުވަހަކު ހެނދުނު، ހަތް ދުވަސް ވަންދެން ބޭނުން ކޮށްލާށެވެ. އަދި ނަތީޖާ އިހުސާސްވެފައި ހިތްހަމަޖެހޭނެކަން ޔަގީނެވެ.

އަލުވި ޖޫސް ތައްޔާރު ކުރާނެ ގޮތް، ބޭނުންވާނީ ހަމައެކަނި ފެނާއި އަލުވި….ފޮޓޯ:އައިސްޓް
"ވަރަށް ކުޑައިރުއްސުރެ ގޭސްޓްރިކް މައްސަލަ ހުރޭ، ކޮންމެ ކޮންމެ ކާއެއްޗެއް ނުކެވޭނެ، ބަނޑެއްގައި ރިއްސާތީ، ބަނޑު ފުއްޕާފައި ހުންނާތީ އަބަދު ކަންބޮޑުވެފައި ހުންނަން ޖެހޭނީ، ޑޮކްޓަރަށް ދައްކައި ބޭސް ކެވުނު އަދަދެއްވެސް ނޭނގޭ، ދުވަސްކޮޅަކަށް ރަނގަޅަށް ހުއްޓަސް އަނެއްކާވެސް ގޯސްވާއިރު ކުރިއަށްވުރެ މާ ބޮޑަށް ގޯސްވަނީ، ދެން މެރީ ކޮށްގެން އައިފަހުން ފިރިމީހާގެ މާމަ ދިން ހިޔާލެއް މިއީ.
މާމައަކީ ވަރަށް ބޮޑަށް ޑޮކްޓަރީ ބޭހާ ދުރު ފަރާތެއް، ބޭސް ބޭނުން ކުރަން ޖެހުނަސް ކިރިޔާވެސް ގޮތެއް އޮތިއްޔާ ބޭހެއް ނުކާނެ، އަބަދު ބޭސްކާތީވެ މާމަ ބުނީ މި ގޮތަށް މި ބުއިން ބޭނުން ކޮށްބަލާށޭ، ފުރަތަމަ ވަރަށް ހިނިވެސް އައި، އަބަދުވެސް އިވޭ އަޑެއްވިއްޔަ އަލުވި ކެއީމަ ވައި ހެދޭނެއޭ، އަސްލު ދެން އެދުވަސްކޮޅު އުޅުނީ ވަރަށް ބޮޑަށް ގޯސް ވެގެން ވީމަ، އަނެއްކާ މާމަ ޔަގީންކަން ދިން މި ބުއިމުން ރަނގަޅު ނުވިއްޔާ މާމަ ދެން ދުވަހަކުވެސް ގޭގައި ތައްޔާރުކުރާ ފަރުވާއަކަށް އިތުބާރެއް ނުކުރާނަމޭ، ހަމަ އެއްވެސް ވަރަކަށް ހިތަކަށްވެސް ނާރާ.
އެކަމަކު ތިން ދުވަސްފަހުން މަޑުމަޑުން އިހުސާސްވާން ފެށީ ތަދާއި ވޭން ދުރުވާކަން، ދެ ހަފުތާ ވަންދެން ކޮންމެ ދުވަހަކު ހެނދުނު ހޭލާ އިރަށް މާމަ އިންނާނެ ތައްޔާރަށް، ދެން ހަމަ ޒާތާކޮށް ވަގުތުން ތައްޔާރުކޮށްދޭނެ، މިހާރުވެސް ބައެއް ފަހަރު ވައިގެ އުނދަގޫވޭ، ފަރުވާ އެނގޭތީ އެހާ ހާހެއް ނުވޭ، ތެދަށް ބުނަން، ތަދާއި ރިހުން ދިޔައީތީ ވަރަށް އުފާވޭ، އެކަމަކު އޭގެ ވަހާއި ރަހަ ދޯ، ހިތަށް އެރިއަސް މޭނުބައި ކުރޭ…"

މޭ އެންދުމަކީވެސް ބޮޑުވޭނެކެވެ. މިވޭނަށްވެސް އަލުވިޖޫހަކީ އެއްވަނައިގެ އެހީތެރިއަކަށެވެ….ފޮޓޯ:އައިސްޓް
އެހެން ފަރާތަކުން ވެސް ކިޔައިދިން ގޮތުގައި މިއީ ވަރަށް ވަހާއި ރަހަ ނުބައި ބުއިމެކެވެ. އެހެންނަމަވެސް ގައިގަ އަޅާ އެވަރުގެ ބޮޑު ތަދަކުން ސަލާމަތްވުމަށް ބޭނުން ކުރާ ބުއިމަކަށްވީއިރު ކިތަންމެ ވަހާއި ރަހަ ނުބައި ވިޔަސް އެންމެ ރަނގަޅުތާއެވެ.
ބައެއް ފަރާތްތަކުން އަލުތްވާއެކު ކެރެޓް އަދި ލުނބޯވެސް އަޅާކަމަށްވެއެވެ. އެހެންނަމަވެސް މީގެ އެންމެ ރަނގަޅު ގޮތަކީ އެއްވެސް އިތުރު އެއްޗަކާނުލައި ހަމައެކަނި އަލުތްވާއި ފެން ބޭނުންކޮށްގެން ބުއިން ތައްޔާރު ކުރުމެވެ،
މި ބުއިމުން ގޭސްޓްރިކް، މޭ އެންދުން ހައްލުވި ކަމުގައިވިޔަސް ބަނޑުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާއަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ތަރުކާރީ، މޭވާ އަދި ފަތްޕިލާވެލީ ފަދަ ކާނާ، ކެރެޓް، ބްރޮކޮލީ ފަދަ ފަސޭހައިން ހަޖަމުކުރަން ފަސޭހަ ކާނާ އިޚްތިޔާރު ކުރާށެވެ. މީގެ އިތުރުން ފެޓް ގިނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފެޓީ ކަޓް އޮފް މީޓް ނުވަތަ ފްރައިޑް ފުޑްސްގެ އިތުރުން ސޮފްޓް ޑްރިންކްސް، ކޮފީ، ގްރީން ނުވަތަ ބްލެކް ޓީ، ލޮނުގަދަ ނާސްތާ، ކުކީޒް ނުވަތަ ސްޕައިސީ ފުޑް ފަދަ ކާނާއިން ދުރުހެލިވާން ޖެހެ އެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު ކަންތައްތަކެވެ. އަދި ގޭސްޓްރިކް، މޭ އެންދުން ފަދަ ކަންތައްތަކުން ސަލާމަތްވާން މަސައްކަތްކުރާއިރު ކޮންމެހެންވެސް ސަމާލުވާން ޖެހޭ ކަންކަމެވެ.

