އިންޑިއާގެ އުތުރުގައި ހިންދޫންގެ ދީނީ އެއްވުމެއްގައި 100 އެއްހާ މީހުން ފިތިގެން މަރުވެފައިވާއިރު، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ބުނެފައި އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިރު ދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ހަތުރާސް ޑިސްޓްރިކްޓްގެ އަވަށުގައި އޮތް ހިންދޫންގެ ދީނީ އެއްވުމަކަށް އަންގާރަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވަނިކޮށް އެސަރަހައްދުގައި ވެލީގެ ތޫފާނެއްގެ ބިރުވެރިކަން އުފެދުނެވެ.
ތޮއްޖެހިފައިވާ މި ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް މީހުން ތެޅިގަންނަން ފެށުމުގެ ސަބަބުން އެތައް ބަޔަކު ފިތި އެކަކު އަނެކަކުގެ ގައި މައްޗަށް ވެއްޓުނެވެ. މި ހަލަބޮލިކަމުގެ ތެރޭގައި ބައެއް މީހުން ވެއްޓުނީ މަގުގެ ކާނުގަނޑުގެ ތެރެއަށެވެ.
އަވަށްޓެރި އަލީގަރް ޑިސްޓްރިކްޓްގެ ޑިވިޝަނަލް ކޮމިޝަނަރު ޗައިތުރާ ވީ އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް 97 މީހުން މަރުވެފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި އަނިޔާ ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި އަދި ޒަހަމްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބޯލޭ ބާބާ ނަމަކަށް ކިޔާ ހިންދޫ ދީނުގެ ލީޑަރަކާ އެކު ބޭއްވި ހަރަކާތަކަށް ފަހު ބައިވެރިވި މީހުން އެތަނުން ނުކުތުމަށް އަވަސްވެގަތުމުން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަރުވި މީހުންގެ ހަށިތައް ހޮސްޕިޓަލެއްގެ ބޭރުގައި ބަހައްޓާފައި ހުއްޓެވެ.
ފުލުސް އޮފިސަރު ރާޖޭޝް ސިންގް ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 5،000 އެއްހާ މީހުންނަށް ހުއްދަ ލިބިފައިވާ މި ހަރަކާތަށް 15،000 އަށް ވުރެ ގިނަ މީހުން އެއްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.
މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު ގެންދެވުނު އެޓާ އަވަށުގެ އެއް މޯޗަރީގެ ބޭރުގައި އެތައް ބަޔަކު އެމީހުންގެ ގާތްތިމާގެ މީހުންގެ ޚަބަރު ހޯދަން އެއްވެފައި ވެއެވެ.
ސަލާމަތްވި މީހެއް ކަމަށްވާ ޖޯތީ ބުނެފައިވާ ގޮތުގައި އެންމެން ވެސް އަވަސްވެގަތީ އެތަނުން ނުކުންނަން ކަމަށާއި، ނުކުންނާނެ އެއްވެސް ދިމާލެއް ނެތުމުން މީހުންތައް ފިތި އެކަކު އަނެކެއްގެ ގައި މައްޗަށް ވެއްޓެމުން ދިޔަކަމަށެވެ.
ސްޓޭޓްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް އަންގާފަ އެވެ.
" ރިލީފް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށާއި ޒަހަމްވި މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ކަމާ ބެހޭ އޮފިޝަލުންނަށް އިރުޝާދު ދީފައިވާނެ" އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 2،400 ޑޮލަރު އަދި ޒަހަމްވި މީހުންނަށް 600 ޑޮލަރުގެ ބަދަލު ދޭން ނިންމައިފަ އެވެ.
"މަރުވި މީހުންގެ އާއިލާތަކަށް ތަައުޒިޔާ ފޮނުވަން. އަދި ޒަހަމްވި އެންމެންނަށް އަވަސް ޝިފާއަކަށް އެދެން." އެކްސްގައި މޯދީ ލިޔެފައި އެވެ.
އިންޑިއާގެ ގިނަ ބަޔަކު އެއްވާ ބޮޑެތި ދީނީ މުނާސަބަތުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ އާންމުކަމެކެވެ. މިހެން ދިމާވުމަށް މެދުވެރިވަނީ ރައްކާތެރިކަމަުގެ މިންގަނޑުތައް ދަށްވުމާއި ގަވާއިދުތަކަށް ބޯނުލެނބުމެވެ.
2016 ވަނަ އަހަރު ހިންދޫންގެ އާ އަހަރާ ދިމާކޮށް މަނާ ކޮށްފައިވާ ބަޑިބޭސް ބަހައްޓާފައި ހުރި ހަރުގެއެއްގައި ރޯވެ ހިނގި ބޮޑު ގޮވުމެއްގައި 112 މީހަކު ވަނީ މަރުވެފަ އެވެ. މި ގޮވުމުގެ ސަބަބުން އިމާރާތްތަކުގައި ރޯވި ހުޅުގަނޑުވަނީ އެތައް ހާސް ބަޔަކު އެއްވެފައި ތިބި ކެރެލާ ސްޓޭޓްގެ ފައްޅިއައި ހަމައަށް ފެތުރިފައެވެ.
2013 ވަނަ އަހަރު އިންޑިއާގެ މެދުތެރޭގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ފައްޅިއެއް ކައިރީގައި ހުރި ބްރިޖެއްގައި ފިތިގެން އިތުރު 115 މީހުން ވަނީ މަރުވެފަ އެވެ. އެ ސަރަހައްދަށް ހަތަރު ލައްކައެއްހާ މީހުން ޖަމާވެފަެި ވަނިކޮށް މި ހާދިސާ ހިނގަން މެދުވެރިވީ ބްރިޖް ވެއްޓޭނެ ކަމުގެ އަޑު ފެތުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން ރާޖަސްތާން ސްޓޭޓްގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖޯދްޕޫރުގެ ހިލްޓޮޕް ޓެމްޕަލްއެއްގައި 2008 ވަނަ އަހަރު ފިތިގެން 224 މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

