މަދީނާއަކީ އިސްލާމީ ތާރީޚުގެ އެންމެ މުހިންމު އެއް ރަށެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީން މަދީނާއަށް ހިޖުރަކުރެއްވުން ވެފައި އޮތީ އިސްލާމީ ދައުލަތުގެ ފެށުން ކަމުގައެވެ.
މަދީނާގައި ހުރި މަސްޖިދުއްނަބަވީގައި ކުރާ އެންމެ ނަމާދެއްގެ ޘަވާބު (މަސްޖިދުލްޙަރާމް ފިޔަވައި) އެ ނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދުގެ ޘަވާބަށްވުރެ 1000 ގުނަ އިތުވެގެންވެއެވެ. ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެއް ކަމުގައި، ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّم ސިފަކުރެއްވި ސަރަޙައްދެއް އެ މިސްކިތުގައި ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الجَنَّةِ” (رواه البخارى) މާނައީ: “ތިމަންކަލޭގެފާނުގެ ގަނޑުވަރުކޮޅާއި ތިމަންކަލޭގެފާނުގެ މިންބަރުކޮޅާ ދެމެދުގައިވާ ތަނަކީ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެކެވެ.”
މަދީނާގެ މަތިވެރި ބިމަށް ޠާޢޫން ބަލި ނުވަނުމާއި މަލާއިކަތުން އެ ރަށް ހިމާޔަތްކުރެއްވުމާއި ދައްޖާލަށް އެ ބިމަށް ނޭރޭނެކަމީ އެ ބިމުގެ މުޤައްދަސްކަމާއި މާތްކަމުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. عَلَى أَنْقَابِ الْمَدِيْنَةِ مَلَائِكَةٌ لَا يَدْخُلُهَا الطَّاعُوْنُ وَلَا الدَّجَّالُ” (رواه البخاري و مسلم) މާނައީ: “މަދީނާއަށް ވަދެވޭ ހުރިހާ މަގެއްގައި މަލާއިކަތުންވެއެވެ. އެ ރަށަށް ދައްޖާލެއް އަދި ޠާޢޫން ބައްޔެއް ނުވަންނާނެތެވެ.”
އީމާންކަމުގެ ނޫރު ފައްކާވީ މަދީނާގެ ބިމުގައެވެ. ޤިޔާމަތާ ކައިރިވީވީހެން އީމާންކަމުގެ ނޫރު ދުނިޔޭގެ އެހެން ޤައުމުތަކާއި ރަށްތަކުގައި ފަނޑުވަމުންދާނެއެވެ. އަދި ފަހު ޒަމާނުގައި އީމާންކަން އެނބުރި މަދީނާއަށް ރުޖޫޢަވާނެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “إِنَّ الْإِيْمَانَ لَيَأْرِزُ إِلَى الْمَدِيْنَةِ كَمَا تَأْرِزُ الْحَيَّةُ إِلَى حُجْرِهَا” (رواه البخاري و مسلم) މާނައީ: “ހަރުފަ އޭގެ ހަރަށް އެނބުރި އަންނަ ފަދައިން އީމާންކަން އެނބުރި މަދީނާއަށް އަންނާނެއެވެ.” މަދީނާއާ މެދު މުއުމިނުންގެ ހިތުގައި ލެއްވިފައިވާ ދަގަތްފާނީ ޝައުޤުވެރިކަމާއި އެބައިމީހުންގެ ވަރުގަދަ އީމާނުގެ މައްޗަށް ގިނަ މުސްލިމުން މަދީނާގައި ވަޒަންވެރިވަމުން އަންނަކަމީ މި ޙަދީޘްގައި ވާ ފަދައިން އީމާންކަން އެނބުރި މަދީނާއަށް އަންނާނެކަން ދޭހަކޮށްދޭ ކަމެކެވެ.
މަދީނާގައި އުޅޭއިރު ދިމާވާ ދަތިތަކަށް ކެތްކުރުމަކީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޝަފާޢަތް ލިބޭނެކަމެއްކަން ބަޔާންކުރައްވައި ޙަދީޘްކުރެއްވިއެވެ. “اَلْمَدِيْنَةُ خَيْرٌ لَهُمْ، لَوْ كَانُوا يَعْلَمُوْنَ، لَا يَدَعُهَا أَحَدٌ رَغْبَةً عَنْهَا؛ إِلَّا أَبْدَلَ اللهُ فِيْهَا مَنْ هُوَ خَيْرٌ مِنْهُ، وَلَا يَثْبُتُ أَحَدٌ عَلَى لَأْوَائِهَا وَجَهْدِهَا، إِلَّا كُنْتُ لَهُ شَفِيْعًا، أَوْ شَهِيْدًا يَوْمَ الْقِيَامَةِ” (رواه مسلم) މާނައީ: “އެބައިމީހުން ދަންނަ ކަމުގައިވާ ނަމަ އެބައިމީހުންނަށް މަދީނާ ހެޔޮކަން ބޮޑެވެ. އެ ރަށް ކަމުނުގޮސްގެން އެ ރަށް ދޫކޮށްލައިފި މީހެއްގެ ބަދަލުގައި އޭނާއަށް ވުރެ ހެޔޮ މީހެއް އެ ރަށަށް ގެންނަވާނެތެވެ. އަދި އެ ރަށުގެ ހޫނަށާއި ދަތިކަމަށް ކެތްކޮށްފި މީހަކަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނު އެ މީހެއްގެ ޝަފާޢަތްތެރިއަކަށް ނުވަތަ ހެކިވެރިއަކަށް ވެވަޑައިގަންނަވާހުށީމެވެ.”
މަދީނާއަށް ޒިޔާރަތްކުރުމުގެ މަތިވެރި ޝަރަފު ލިބިއްޖެ ނަމަ އެނބުރި ރަށަށް ދާންވާނީ ކުރެވިފައިވާ ފާފަތަކުން ތައުބާވެ، ޞާލިޙް ޢަމަލުތައް ގިނަ ކުރުމުގެ ޢަޒުމުގައެވެ. އަޅަމެންނަށް ގިނަގިނައިން މަދީނާއަށް ޒިޔާރަތްކުރުމުގެ ތައުފީޤު ދެއްވާށި. އާމީން!
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު

