އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ދަށުން 2024 މެއި 30 އިން ޖުލައި 1 އެއް ގެ ނިޔަލަށް 1015 ގެއަށް ޒިޔާރަތްކޮށްފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުގައި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުން ކަމަށާއި، އަދި އަތޮޅުތަކުގައި އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމްކުރެވިފައިވާ ރަށްތަކުގައި ކަމަށްވެސް ބުނެއެވެ.

