ރާއްޖޭގެ 5 ސަރަހައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް 2 ދަންފަޅިއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ މީގެ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް މިމަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ދެ ދަންފަޅިއަށް ޚިދުމަތްދޭން ނިންމާފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ.
އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފަށާފައިކަމަށާއި ދެން ހުރި ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ދެ ދަންފަޅިއަށް ޚިދުމަތްދޭން ފެށުމުން ސެޕަލިސްޓުންނަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ލިބޭ ވަގުތު އިތުރުވެގެންދާނެއެވެ. އެގޮތުން މީގެކުރިން އެ ހޮސްޕިޓަލްތަކުގައި ސްޕެލިސްޓުންގެ ޙިދުމަތްތައް ދެމުން އައީ ހެނދުނު 9:00 އިން 16:00 އެކަނި ނަމަވެސް، މި ބަދަލާއި އެކު ހަވީރު 16:00 ރޭގަނޑު 9:00 ނޫނީ 10:00 ޖެހުމާއި ހަމައަށްވެސް ސްޕެލިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ރީޖަނަލް ހޮސްޕިޓަލްތަކުން ލިބިގެންދާނެއެވެ.
ރީޖަނަލް ހޮސްޕިޓަލް ތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުން އެތަންތަނުން ޚިދުމަތް ހޯދާ ރައްޔިތުންނަށް އެތައްގޮތަކުން ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ޞިއްހީ ވުޒާރާއިން ދެކެއެވެ.

