ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއާއި ރިޕަބްލިކް އޮފް ތުރުކިޔޭ އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ސަފީރުން އައްޔަންކުރައްވައިފިއެވެ.
މިއަދު ރައީސްއޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަފީރުކަމަށް އައްޔަންކުރެވުނު ފަރާތްތަކަށް ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ދިވެހިރާއްޖެއިން ރިޕަބްލިކް އޮފް ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި އައްޔަންކުރެވުނީ ގ.ކަނޑިތޮޅިއާގެ، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއެވެ. އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި، އަލްއުސްތާޛު މުޙައްމަދު ޠާހާ އައްޔަންކުރެވުނުއިރު، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދުއެވެ.
މި ތިން ބޭފުޅުންވެސް ސަފީރުކަމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

