ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން މުހިންމުކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުންކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީގެ އިމާރާތުގައި ކުރިއަށް ދިޔަ މި ޚާއްޞަ އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި، މަތީ ސާނަވީ މަރްޙަލާގެ ކިޔެވުމަކީ އުމުރުގައި 2 ވަނަ ފުރުޞަތެއް ލިބޭ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ޑރ މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންނެވީ މި ވަގުތާއި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަޤްބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ވަނީ މީގެ ތިރީހަކަށް އަހަރުކުރީން، 2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް ސީ.އެޗް.އެސް.ސީގައި (އޭރުގެ އެސް.އީ.ސީ ގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވާފައެވެ.
ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ޚާއްޞަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއެކު ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މާލޭގައި އާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު މި އަންނަ އަހަރު ފުޅާ ވާނެ ކަމަށެވެ.
“ކުރިއަށްއޮތް ދުވަސްތަކުގައި އޭ ލެވެލްއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް އިތުރުކުރަން ނިންމާފައިވަނީ. މާލޭގައިވެސް އިރާދަކުރެއްވިއްޔާ ހަމަ މިއަހަރު އަދި މި އަންނަ އަހަރު އެއަށްވުރެ ފުޅާކޮށް ފުރުޞަތު ލިބޭނެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް. އެހެންވީމަ ފުރުސަތު ހުޅުވާދޭނަން އިރާދަކުރެއްވިއްޔާ،” ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިކަމަށްޓަކައި، ރަނގަޅު ޓީޗަރުން ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ގެދޮރުގެ ފުރުސަތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފަހި ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހަމައެއާއިއެކު، ދަރިވަރުން ކިޔަވާ ނިމުމުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޔުނިވާސިޓީ ތައުލީމް ހާސިލްކޮށްގެން އައިސް، ވަޒީފާ އަށް ނުކުތުމުގެ ކުރިން އާމްދަނީގެ ފުރުސަތުތައް ހުޅުވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މި އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގާވެސް ހުންނަން ވާނެކަމަށެވެ. ކޮންމެ ކުއްޖަކަށްވެސް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ޤައުމީ ޚިދުމަތަށް އިސްކަންދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ޙާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ ޢަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ތަކުރާރުކުރައްވައިފައެވެ

