ނ. ވެލިދޫ މަގު ހެދުމުގެ މަޝްރޫޢުގެ 75 އިން ސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަަން، އާރްޑީސީ އިން ހާމަ ކޮށްފި އެވެ.
އާރްޑީސީ އިން ބުނި ގޮތުގައި، ނ. ވެލިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާ މަގު ހެދުމުގެ މުޅި މަޝްރޫއުގެ %75 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ވެލިދޫގައި ޖުމްލަ 5.7 ކިލޯ މީޓަރު ދިގު މިނުގައި މަގުތައް ތަރައްޤީ ކުރާނީ ތާރު އަޅައިގެން ކަމަށާއި އެގޮތުން 11 މަގަކާއި އަދި މަގަކަށް އިތުރު ކުރެވުނު ބައެއް ހިމެނޭ ކަމަށް އާރްޑީސީ އިން ވަނީ މައުލޫމާތު ދީފައެވެ. މި މަޝްރޫއުގެ މަސައްކަތް މިހާ ހިސާބަށް އައިއިރު ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އަތަށް އެޅުމުގެ އިތުރުން ކާރބް ސްޓޯން ޖެހުން ފަދަ މަސައްކަތްތަކުގެ 94 އިން ސައްތަ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށާއި އަދި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ހޮޅިތައް އެޅުމުގެ 94 އިން ސައްތަ މަސައްކަތްވެސް ނިންމާލެވިފައި ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.
ހަމައެހެންމެ ޕޭވިންގ ގެ 81 އިން ސައްތަ މަސައްކަތް ނިމިފައިވާއިރު، މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 72 އިން ސައްތަ މަސައްކަތް ވެސް ވަނީ ނިމިފައި ކަމަށް އާރްޑީސީ މައުލޫމާތުދެއެވެ.
މީގެ އިތުރުން ވެލިދޫގައި ތަރައްޤީކުރަމުންދާ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށަށް ފޮނުވިފައި ކަމަށްވެސް އާރްޑީސީއިން ބުންޏެވެ.
ނ ވެލިދޫގައި ޒަމާނީ ފެންވަރަށް މަގު ހެދުމަށް 15 ނޮވެމްބަރު 2021 ގައި އަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢަކީ ޖުމުލަ 88.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

