ދިރިއުޅުމުގެ ކަންކަމަށް ހަރަދު ކުރުމާއި ކަންކަން ފުރިހަމަ ކުރުމުގެ ލިސްޓަށް ބަލާލާއިރު "ކަސްރަތު" ނުވަތަ ޖިމަށް ދިއުން، ނުވަތަ ކަސްރަތު ކުރާ ތަނަކަށް ދިއުން މި އޮންނަނީ އެންމެ ފަހު ދެތިން ނަންބަރު ތެރެއިން ނަންބަރެއްގައެވެ. ބޮޑު ހަރަދު ކޮށްގެން ބޭސްފަރުވާ ކުރަން ޖެހޭ ހިސާބަށް ދިއުމުން ދެންވެސް ވިސްނާލުމެއް ނެތި އިސްކަން ދެވެނީ ބޭހަށާއި އޮޕަރޭޝަނަށެވެ. ޑޮކްޓަރ އިރުޝާދު ދެއްވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުން އެތައް ގިނަ ތަދުތަކާއި ރިހުންތައް ދުރުވެދާނެ ކަމަކަށް ވާތީވެ، ބޭހަށްވުރެ ކަސްރަތަށް އިސްކަން ދިނުމަށެވެ. އެކަމަކު އެހާ ހިތްވަރެއް ކުރާކަށް ބޭނުމެއް ނުވެއެވެ. ފަސޭހަ ގޮތަކީ ބޭސްކެއުމެވެ.
އަވަސް ގޮތަކީ އޮޕަރޭޝަން ކޮށްގެން ރިއްސާ ހުޅު މަސްނޫއީ ކޮށްލުމެވެ. ކަސްރަތުކޮށްގެން އެ ހުޅު ނުވަތަ އެކަށިގަނޑު ވަރުގަދަކޮށް ގަދަފަދަ ކުރާނެ ހިތްވަރެއް ނެތެވެ. އެކަމަކު އެއްކަލަ ސާޖަރީއަށްފަހު ތިމާ އަކީ ނުކުޅެދޭ މީހަކަށް ވެދާނެ ކަމާމެދު ވިސްނާ ނުލަނީ ކީއްވެގެންބާވައެވެ. އެ ސާޖަރީ އަށްވުރެ މަޑުމަޑުން ހިތްވަރުކޮށްގެން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން މުޅި އުމުރަށް އޭގެ ހެޔޮއަސަރު ކުރާނެ ކަމާއި މުޅިން އާ ގޮތަކަށް ދިރިއުޅުން ބައްޓަން ކޮށް ނުހަނު އުފަލުގައި އުޅެވިދާނެ ކަމާމެދު ވިސްނާލުމެއް ނެތީ ކީއްވެބާވައެވެ. މިފަދަ ހާލަތަކުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަޔާތުގެ މާނަ ބަދަލުކޮށްލި އަޅުގަނޑުމެންގެ މިއަދުގެ މެހެމާނުގެ ތަޖުރިބާ، ގައިމުވެސް ނަމޫނާއަކަށް ފުދޭނެވަރުގެ އިބްރަތެކެވެ.
ހޯނޑެއްދޫ މަންމައަކާއި މާލޭ ބައްޕައަކަށް ލިބިފައިވާ ކުދިންގެ ތެރެއިން މަރީއަކީ މިއަދު އެތައް ބަޔަކު ފޮލޯ ކުރާ، ލޯބިކުރާ ޒުވާނެކެވެ. ފްރީލާންސް އިންސްޓްރަކްޓަރަކަށް ވާތީ ގޭގައި ތިބެގެން، ޖިމަކަށް ނުގޮސް ކަސްރަތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރީއަކީ އެންމެ ރަނގަޅު ޗޮއިސްކަން ގައިމެވެ. މަރީއަކީ "ޕާރސަނަލް އިންސްޓްރަކްޓަރަކަށް" ހަމަ އެއްވަނައެވެ. ސަބަބުތައް ގިނައެވެ.
ގާތް އެކުވެރިކަމަކާއި ރަހުމަތްތެރިކަން އެކުލެވޭ ހިނިތުން ވެލުމުންވެސް މަރީގެ ހިތްހެޔޮކަމާއި އެހީތެރިކަން ސާފުކޮށް ހާމަވެއެވެ. ތަޖުރިބާއާއި އިލްމާއި ހިލްމުވެސް ހަމަހަމައެވެ.
ހަމައެހެންމެ މަރީގެ ވިސްނުން ފުޅާވެފައި ހިޔާލު ތަނަވަހެވެ. ކަންކަމާ ދޭތެރޭގައި އޭނާގެ ނަޒަރިއްޔާތު އެހާމެ ފުރިހަމައެވެ. މިއަދު އެތައް ބައެއްގެ "އިންސްޕިރޭޝަން" އަކަށް ވެފައިވާ މަރީ ހުވަދޫ މީޑިޔާއަށް އޭނާގެ ވާހަކަ ހިއްސާ ކޮށްލިއިރު، އޭނާގެ ވާހަކައިގައި ވަނީ ހައްތަހާވެސް އިބްރަތާއި ނަސޭހަތްތައްކަން ފާހަގަ ކޮށްލެވެއެވެ.

މަރީ ޖިމްގައި….ފޮޓޯ:މަރީ
މަރީ ފިޓްނަަަސް އިންސްޓްރަކްޓަރަކަށް ވީ ކިހިނެއް؟
1998ގައި ސުކޫލާ އަލްވަދާއު ކިޔަން ޖެހުނީ ވަގުތުގެ ހާލަތަށް ތަބާވުމުގެ ގޮތުންނެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ތަފާތު އެކި ވަޒީފާ އަދާކޮށްފައިވާ މަރީއަށް އެއިން ކޮންމެ ވަޒީފާއަކުންވެސް ލިބިފައިވާ ތަޖުރިބާއަކީ އަދާއި މާދަމާ އޭނާގެ ދިރިއުޅުމަށް ފައިދާތަކެއް ކުރަނިވި ކަންކަމެވެ.
2017 ވަނަ އަހަރާ ހަމަ އަށް، ތަފާތު އެކި ވަޒީފާތަކުގައި އުޅެފައިވާ މަރީ ވަނީ ވިއްސަކަށް އަހަރު ތެރޭގައި ފަނަރަ ވަރަކަށް ކުންފުނީގައި މަސައްކަތް ކޮށްފައެވެ. ފައިނޭންޝަލް ދާއިރާ، އިންޝުއަރެންސް ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކޮށްފައިވާ މަރީ އެންމެ ފަހުން މަސައްކަތް ކުރީ އެމްޑަބްލިއުއެސްއީގައެވެ. އަދުގެ ފިޓްނަސް އިންސްޓްރަކްޓަރ މަރީގެ ވާހަކައިގެ އަސްލު ފެށެނީ މިހިސާބުންނެވެ.
2014، 2015 އާ ހަމައަށް އައިއިރު މަރީގެ ހަޔާތުގައި، ދިރިއުޅުމުގެ މަގުސަދަކަށް އޮތީ "ވަޒީފާ އިން ގެއަށް، ގެއިން ވަޒީފާއަށް" ކަމަށް ވެފައެވެ. އެހެންނަމަވެސް އެހިސާބަށް އައިއިރު އަމިއްލަ ސިއްހަތާމެދު ވަރަށް ބޮޑަށް ފަރުވާ ކުޑަ ކޮށްލެވިއްޖެކަމުގެ އިހުސާސް ކުޑަކޮށް ނަމަވެސް މަރީއަށް ކުރެވިއްޖެއެވެ.
"2015 ހިސާބުގައި ސިއްހަތާމެދު ސަމާލުކަން ދޭން ފެށީ، އޭގެ ކުރިން ހަމަ އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެވޭ. ވަޒީފާ، ދިރިއުޅުމުގެ އެކިކަންކަމުގެ ތެރޭގައި އަޅާނުލެވި ހުރީ."
މަރީއަކީ ސައުވީސްގަޑިއިރު ސާދަ، ފަނަރަ ގަޑިއިރު މަސައްކަތުގައި ހޭދަކުރަމުން ދިޔަ ޒުވާން އަންހެނެކެވެ. އެހެންނަމަވެސް 2015 ހާ ތަނުގައި މަރީ އަމިއްލަ ނަފުސަށްޓަކައި ކުޑަކުޑަ ނަމަވެސް ވަގުތުކޮޅެއް ހޯދައިގެން ހަށިގަނޑާމެދު ސަމާލުކަން ދިނުމުގެ ގޮތުން ދުވަން ދާން ފެށިއެވެ.

މަރީ ޖިމްގައި…..ފޮޓޯ:މަރީ
"ފިޓްނަސްދާއިރާއަށް ނުކުތުމުގެ އަސްލަކީ،2017 ހިސާބުގައި އެމްޑަބްލިއުއެސްސީގައި އުޅެމުން ދިޔައިރު، އައި ވޯޒް ގެޓިން ހެލްތުވައިސް ޑިޓޯރިއޭޓިންގ، ދެން 2014، 15 ހިސާބުން ހެލްތަށް މަސައްކަތް ކުރަން ފަށައިފިން، އޭގެ ކުރިން މަސައްކަތު ދާއިރާ ލައިފްގަ އެކިކަންކަމުގައި ސާދަ ފަނަރަ ގަޑިއިރު މަސައްކަތުގައި އުޅެމުން ދިޔައީ،"
މަރީ ކިޔައިދިނީ މިހާރު ހުރި ހިސާބަށް އައުމުގެ ބިންގާ އެޅިގެން އައި ގޮތުގެ ވާހަކައެވެ. ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން މިންނެތް މަސައްކަތް ކޮށްގެން ނޫނީ ހަމަޖެހެން ނޯންނާނެތީވެ، މަރީގެ ރޭދުވާ ވޭތުވަމުންދިޔައީ މަސައްކަތާއި ގެއާ ދެމެދުގެ ދާއިރާއެއްގައެވެ. އެހެންނަމަވެސް ސިއްހަތާމެދު ހިތުގެ ކަނެއްގައި ކުލުނެއް އޮތީތީވެ، މަރީ ކޮންމެވެސް ވަރަކަށް ސިއްހަތާމެދު ފަރުވާތެރިވާން ފެށިއެވެ. މިހެން ކަންތައް ބަދަލުވަމުން ދިޔަ ދުވަސްތަކުގައި މަރީގެ ހަޔާތުގެ ފުރަތަމަ "ސަރޕްރައިޒް" ހާލަތާ ބައްދަލުވިއެވެ.
"އެންމެ ފުރަތަމަ ވާން ފެށި ގޮތަކީ ފައިގައި ރިއްސަން ފެށީ، ދެން ވޯޓްއެއްވެސް ފައިގައި ނަގައިގެން އުޅޭތީއާއެކު ވަރަށްބޮޑަށް ރިއްސާތީ ޑޮކްޓަރަށް ދެއްކީ، ޑޮކްޓަރ މަނާކުރެއްވީ ކަށްޓަށް އެރުން، އޭރު ޓޫރިޒަމް ދާއިރާތަކުގައާ އެއްޗެހި އުޅެވިފައި ހުރުމުން އަބަދުހެން ހިނގާބިނގާވެ އުޅުނީ ކަށްޓަށް އަރައިގެން، އަބަދު އުސްއެއްޗެހީގައި އުޅޭތީވެ ދިމާވި މައްސަލައެއް. އެއީ ފުރަތަމަ އިމްޕެކްޓް،" މަރީ ހީނލަމުން ކިޔައިދިނެވެ.
ކޮންމެއަކަސް ޑޮކްޓަރ ދެއްވި އިރުޝާދާއި ނަސޭހަތުގެ ބޭނުން ހިފައިގެން މަރީގެ ލައިފްސްޓައިލަށް ބަދަލުތަކެއް ގެންނަން ޖެހުނެވެ. އެގޮތުން ތިރި ފައިދާނަށް އެރުމާއި ބޫޓަށް އެރުން ފަދަ ކަންތައް ކުރަން ފެށިއެވެ. އަދި މިކަހަލަ ބަދަލުތަކާއެކު ކަސްރަތު ކުރުމުގެ ނިޔަތުގައި ދެން މަރީ ދުވަން ދާން ފެށިއެވެ. މިހިސާބުން މަރީގެ ފިޓްނަސް ދާއިރާގެ ރާސްތާއަށް ނޭނގި ނަމަވެސް ދޮރު ހުޅުވިއްޖެއެވެ.
"އެހިސާބުން ދެން ވާން ފެށި ގޮތަކީ މަސައްކަތުގެ ތެރޭގައި އުޅުނުއިރު މީހާއަށް ވެފައިހުރި އެކިކަހަލަ ހާނިއްކަތަކެއް ސާފޭސް ވާން ފެށީ، އެގޮތުން ފެށީ ބުރަކަށީގައި ރިއްސަން، އޭރުގައި ދެންވީ ގޮތަކީ ކައްޓިހިތްވަރަށް ދުވަން ދަނީ، ދުވުމަކީ ހަމައެކަނި ފިޒިކަލް ކަމެއްނޫންތާ، އޭގައި މެންޓަލީވެސް ބޮޑު ދައުރެއް އޮވޭ، ބުރަކަށީގައި ރިއްސިއަސް މެންޓަލީގަ ވަރުހުރޭ، އެހެންވެ ކައްޓި ހިތްވަރަށް ދުވަނީ. ދެން ވީގޮތަކީ، 2016ވަނަ އަހަރު އެއްދުވަހަކު ސިފައިންގެ ކުދިންތަކަކާ އެކީގައި ދުވަން އުޅެފައި ގެއަށް ދިޔަ ފަހުން، އޮށޯވެ އޮވެފައި ނުތެދުވެވުނީ، އުޅެއުޅެވެސް ނުތެދުވެވުނު، ބުރަކަށީގައި ރިއްސާވަރުން، ދެން ހަމަ ނުތެދުވުނީ، ހަތަރު ދުވަސްވަންދެން އޮތީ ހަމަ އެނދުގައި، ރިއްސާވަރުން، ރޮވޭ، ވަރަށްހާލުގައި އުޅެގެން ހޮސްޕިޓަލަށް ދިޔައީ، އެދުވަސް ވަރަށް ހަނދާންވެސް ހުރޭ، ރިއްސާވަރުން ރޮވެނީ، ހީވަނީ މުޅި ބުރަކަށި ފަޅައިގެން ދާން އުޅޭހެން،"
މަރީގެ ހަޔާތުގެ ފުރަތަމަ އެމްއާރްއައި ގެ ނަތީޖާ އޭނާ ސިއްސުވާލީއެވެ. ޑޮކްޓަރ އޭނާގެ ބުރަކަށީގެ ރިއްސުމުގެ އަސްލު ސަބަބު ބުނެދިން ވަގުތު ދެން ހަދާނެ ގޮތެއް ނޭނގޭ ވަރަށް މަރީ ހައިރާންވެ ދެރަވިއެވެ. ޑޮކްޓަރ ބުނީ މަރީގެ ބުރަކަށީގެ ލަމްބަރސްޖޮއިންގައި ދެބަނދަ އިނީ ހާނިއެކް، ބަންޗް ވެފައިކަމަށެވެ. އަދި ހައްލަކީ އަވަހަށް އޮޕަރޭޝަން ކުރުންކަމަށްވެސް ޑޮކްޓަރ ބުންޏެވެ.
ޑޮކްޓަރ ގާތު މަރީ އެހީ އެހެން އެއްވެސް ގޮތެއް ނެތްތޯ އެވެ. ސަބަބަކީ ބަލިމީހެއްގެ އިހުސާސާއެކު ބަލިވާކަށް މަރީ ބޭނުން ނުވާތީއެވެ. ޑޮކްޓަރ ދިނީ އުފާވެރި ހަބަރެކެވެ. ޑޮކްޓަރ ގެ ޖަވާބަކަށް ވީ އެހާ ހިތްވަރުހުރިއްޔާ ޖިމަށް ގޮސްގެން ކަސްރަތުކޮށްގެން ވަރުގަދަ ވުމަށެވެ.
"އެދުވަހު ހިތުން ކަނޑައެޅިން، ސަރޖަރީ އެއް ނުކުރާނަމޭ، އަހަރެން ވާނީ ވަރުގަދައޭ،"
މިއީ މަރީގެ ހަޔާތުގެ އެންމެ ހާއްސަ އަޒުމު ކަނޑައެޅުނު ގޮތެވެ. އަދި މިހާރު މަރީ އެދަނީ އޭނާގެ އަޒުމުގައި ހަރުދަނާވެ ހުރެ ކުރިއަށެވެ. މަރީ ހަމައެކަނި އޭނާގެ އަމިއްލަނަފުސު، އަމިއްލަ ހަށިގަނޑު ވަރުގަދަކޮށް ހުއްޓާލީ ނޫނެވެ. އޭނާ މިއަދު އެދަނީ ވަރުގަދަ މީހަކަށްވެހުރެ އަނެކުން ވަރުގަދަ ކުރުމަށް މަސައްކަތްވެސް ކުރަމުންނެވެ.

މަރީ ޖިމްގައި…..ފޮޓޯ:މަރީ
"2016 ނިމެނިކޮން ދާން ފެށީ ހެމަރ އަށް، އޮފީސް ނިންމާފައި އޮފީސް ކުއްޖަކާއެކު ޖިމަށް ގޮސް ކަސްރަތު ކުރަން ފެށީ، 53 ކިލޯ ހުރި އޭރު،" މަރީގެ އެ ދަތުރުވެސް ފަސޭހައެއް ނޫނެވެ. "ވަރަށް ހިކިކޮށް ހުރި، ބަލިކަށި ކޮށް، އޮފީސްވެސް ވަރަށް ހާސްކަންބޮޑުކޮށް،"
މަރީއަށް ޖެނުއަރީ ހިސާބުގައި ބޮލުގައި ރިހުމެއް ހުންނަން ފެށީއެވެ. މަރީގެ ދެވަނަ ސިއްހީ މައްސަލަ ފެނުނީ އެހިސާބުންނެވެ. ޑޮކްޓަރުންގެ ހޯދުންތަކާއި ޓެސްޓުތަކުގެ ނަތީޖާ ދެއްކީ ތައިރޮއިޑް ހުރިކަމަށެވެ. ބައްޔަކީ ބަލީގެ ގޮތުގައި ބޮޑުނޫން ކަމަށްވިޔަސް އެއާމެދު ސަމާލު ނުވެވިއްޖެނަމަ ވަރަށްބޮޑު ބައްޔެކެވެ. ސަބަބަކީ ބައްޔަކީ ތައިރޮއިޑްކަމަށް ނުވާތީއެވެ.
"އެއީކަން ނޭނގޭ މަރީގެ ޓަރނިން ޕޮއިންޓަކީ، އެހިސާބުން ވަޒީފާއިން ވަކިވެގެން ލަންކާއަށް ދިޔައީ، ފުލްމެޑިކަލް ޗެކަޕެއް ހެދީ، ތައިރޮއިޑް ހުރިކަމަށް ދެއްކީ، ދެން ހިތަށް އެރީ ހަށިގަނޑު ރަނގަޅު ކުރާނީއޭ،"
އެކްސްޓްރީމް ޖިމް ކިޔާ ޖިމަކަށް ދާން ފެށި މަރީގެ ދުވަހާއި ރޭތައް ތަރުތީބު ކުރެވެން ފެށުނީއެވެ. ޖިމުން މަރީއަށް މަގު ހުޅުވުނީއެވެ. ޖިމްގެ ވެރިފަރާތުން ދިން ފުރުސަތެކެވެ. އޭރު އަދި މަރީ އެދާއިރާގެ ކޯހެއްވެސް ނުހަދައި ހުރި ނަމަވެސް މަރީ ކޯސްވެސް ހެދިއެވެ. އެއްދުވަހަށް ވުރެ އަނެއް ދުވަހ
"ކޮންމެ މީހެއްގެވެސް މީހާގެ އުމުރުން 30އަށް ދާއިރު ބަލިނުވެ ނުހުންނާނެ، ކުޑައިރުއްސުރެ ވެސް އެކިކަންކަން ހުންނާނެ ދިމާވަމުން އަންނާނީވެސް، ބަލިވާ މީހުންނާއި ބަލިވިޔަސް އެބައްޔަށް ފަރުވާ ދީގެން ދިރިއުޅުން ހަމަޖައްސައިގެން އުޅޭ މީހާގެ ތަފާތަކީ، ބަލިވާ މީހުން، މިފަރުވާ ކުޑަ ކޮށްލަނީ، އެއްވެސް ކަމެއް ނުވާ ކަމަށް އަޅާނުލަނީ، ސިއްހަތާމެދު ސަމާލު ނުވަނީ، ދެން ރަނގަޅު ލައިފްލޯންގކޮށް އުޅޭ މީހަކީ ތިމާގެ ގައިގަ ހުރީ ކޮން ކަމެއް ކަން ކޮން ބައްޔެއްކަން ދެނެގަނެ އެކަން މެނޭޖް ކޮށްގެން އުޅޭ މީހާ،"
މަރީ ބުނީ ތެދެކެވެ. 30 އަހަރާހަމައަށް ދާއިރު ކޮންމެ މީހެއްގެވެސް ކޮންމެވެސް ކަހަލަ ސިއްހީ މައްސަލައެއް ފެންމަތިނުވެ ނުދާނެއެވެ. ވަރަށް މަދު ފަހަރެއްގައި މެނުވީ ކޮންމެވެސް ކަމެއް ހުންނާނެއެވެ. އެކަމެއް ދެނެގަނެ، ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅައި ތިމާގެ ހަށިގަނޑު ދެކެ ލޯބިން އެހަށިގަނޑަށް އަޅާލައި އޯގާތެރި ވުމަކީ ހަގީގީ ކާމިޔާބު ހޯދާ ފަރާތްތަކެވެ.
މަރީގެ ސަމާލުކަން ދެވުނީ މަރީފަދަ އެތައް ކުދިންނެއް އުޅޭނެކަމުގެ އިހުސާސެވެ. އުމުރުން 16 އަހަރުން ފެށިގެން މަސައްކަތުގެ މާހައުލަށް ނުކުމެގެން ދިރިއުޅުމުގެ އަޑިގުޑަން ހުރަސްކުރަމުން އައި މަރީއަކަށް މިދާއިރާގައި އުޅޭކަށް އުނދަގުލެއް ނޫނެވެ.
ކޮވިޑުގެ ކުރިން ޖިމްތަކުގައި މަސައްކަތް ކުރި ނަމަވެސް އޭގެ ފަހުން މަރީ ފްރީލާންސްކޮށް މަސައްކަތް ކުރަން ފެށިގޮތަށް މިހާރުވެސް ކުރިއަށް އެދަނީ އެގޮތަށެވެ.

މަރީ ޖިމްގައި…..ފޮޓޯ:މަރީ
މަރީގެ އުއްމީދުތަކާއި މުސްތަގުބަލަށް ރާވާފައިވާ ޕްލޭންތަކަކީ ކޮބާ؟
މިއަދުގެ ތާރީހުގައި 43 އަހަރު ފުރޭއިރު މަރީގެ އުއްމީދުތައް އަދިވެސް ގުޅިފައި އޮތީ މިހާރުވެސް ކުރިއަށްދާ ގޮތަށް މި މަސައްކަތުގައި ކުރިއަށްދިއުމަށެވެ. ކަސްރަތު ކުރުމަށް އެހީއަކަށް އެދިގެން އަންނަ ކޮންމެ މީހަކަށް އެހީތެރިވުމަށް މަރީ ހުރީ ތައްޔާރަށެވެ. ގޭގެއަށް ގޮސް ހާއްސަ ޓްރެއިނަރއެއްގެ ގޮތުގައި ކްލައިންޓުންނަށް ވަގުތު ދެމުން އަންނަ މަރީއަކީ ހިތްހެޔޮ، ސިއްރު ހިފަހައްޓައިދޭ އިތުބާރު ކުރެވޭފަދަ ޓްރެއިނަރއެކެވެ.
"މަރީގެ އުއްމީދެއް އޮވޭ ކުޑަ ތަންކޮޅެއް މިމަސައްކަތަށް ލިބުން، ބޮޑުޖިމެއްގެ ވާހަކައެއް ނޫން، ޖިމެއް ހުޅުވާކަށް ނުވަތަ ޖިމެއް އުފައްދާކަށް ހިޔާލެއް ނެތް، އެކަމަކު މަރީގެ ކްލައިންޓުންނަށް ވަގުތު ދޭން ހަމަ އާދައިގެ ތަނެއްގެ ވާހަކަ މިދެންނެވީ،"
މަރީގެ ހިޔާލުގައި ފޮރުވިފައި އޮތް އަނެއް އުއްމީދަކީ އަތޮޅުތަކުގެ ރަށްރަށަށް ގޮސް އެރަށްރަށުގައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެއްތަނެއްގައި ބަނދެވިގެން ހުރުމަށްވުރެ މިނިވަންކަމާއެކު ރާއްޖޭގެ އެކިއެކި ދިމަދިމާލަށް އެހީތެރިވުމަށް ދަތުރު ކުރުމަކީ މަރީގެ ބޮޑު ހުވަފެނެކެވެ. އެރަށްރަށަށް ގޮސް މީހުންނަށް ވިސްނައިދޭން މަރީ ބޭނުންވަނީ ދިރިއުޅުން އުފާވެރި ބަލިތަކާ ދުރު އެއްޗަކަށް ހެދުމަކީ އެހާ އުނދަގޫ ކަމެއް ނޫނެކަމެވެ. މިއީ އެންމެނަށްވެސް މަރީ ބުނެދޭން ބޭނުންވާ ވާހަކައެކެވެ.
ދުޅަހެޔޮ ސިއްހަތެއްގައި އުޅުމަށް، ދުޅަހެޔޮ މިންހަމަ ލައިފްސްޓައިލެއް ގެންގުޅޭ ކަމަށްވާނަމަ ކުދިކުދި ރިހުންތަކާއި ތަދުތަކުން ފެށިގެން ގޮސް ބޮޑެތި ބަލިތަކާ ވެސް ކުރިމަތިލެވިދާނެކަން ހާމަވާ އެންމެ ބޮޑު އެއް ހެއްކަކީ ހުދު މަރީއެވެ. އެހެންކަމުން މަރީ ބޭނުންވަނީ ކޮމިއުނިޓީގެ އެކިއެކި ފަރާތްތަކަށް ހިތްވަރާއެކު ކުރިއަށްދިއުމަށް ބުނެދިނުމަށެވެ. ކަނޑައެޅިހެން ތިމާގެ ސިއްހަތާ ދުޝްމިނު ވާ އެއްވެސް ހަތުރަކު މިތުރަކަށް ނުހެދުމަށެވެ.
"ހިތްވަރު ހުރެގެން ބުންވަރެއް ހުންނާނީ، އަސްލު ހަގީގަތް މިއީ، ޝުކުރު … އެންމެ ފުރަތަމަވެސް ޝުކުރުކޮށް ހަމްދުކުރާނީ ހަމަހެއްދެވި ފަރާތަށް، އެފަރާތުން ހެޔޮ ވިސްނުން ދެއްވީމަތާ ކުރިއަށް ދާން މަގު ފެންނާނީ،"
"ދެން ޝުކުރު ދޯ، މީހަކަށް ޝުކުރު އަދާ ކުރަންޏާ އަސްލު އަމިއްލަ ނަފުސަށް ޝުކުރު އަދާ ކުރާނީ،" މަރީ ހީނގެންފައި ބުންޏަސް އެބުނީ ހަގީގަތުގައިވެސް ކިހާ ތެދުވާހަކައެއްކަން މަރީ ދަންނަ މަރީގެ ވާހަކަ އެނގޭ މީހަކު ގަބޫލު ކުރާނެއެވެ.
"އެބަތިބި ދެތިން މީހުން، މިދާއިރާއަށް ނުކުންނަން ފުރުސަތު ދިން ޖިމަށް، އެކްސްޓްރީމް ޖިމް، އެކްސްޓްރީމާ ނުލައި މަރީއަކަށް މިކަމެއް ނުވީސް. ޕާސަނަލްޓްރެއިނިން ތެރެއަށް ނުކުމެވުނީ، ދެން އަޒްލީފް ފްރީލާންސްކޮށް ކުރިއަށް ދާން މަގުފަހިކޮށްދިނީ، އަޒްލީފްގެ އަންހެން ކުލާސް ނަގައިދޭން ފެށީ މަރީ، ބޫޓްކޭމްޕް ތެރެއަށްވެސް ނުކުމެވުނީ ކޮންމެވެސް ބައެއްގެ އެހީއާއެކު، މިދެންނެވި މީހުންނަކީ މަރީގެ ފަރާތުން، މަރީގެ ގައިން ކޮންމެވެސް ކަމެއް ފެނިގެން މަރީއަށް އެ ފުރުސަތުތައް ދިނީ، އެ އެންމެނަށްވެސް ވަރަށްވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،"
މަރީގެ ވާހަކަ ކިޔައިދީ ނިންމާލަމުން ކިޔުންތެރިންނަށް ވަރަށްވެސް ހާއްސަ ތިން ވާހަކައެއް ފާހަގަކޮށް ބުނެދިނެވެ.
"ފިޓްނަސް ޕްރޮފެޝަނަލް އެއްގެ ގޮތުން، މިފުރުސަތުގައި ތިން ކަމެއް ފާހަގަކޮށްލަން މަރީ ބޭނުންވޭ، ފުރަތަމަ ކަމަކީ ގިނަމީހުންނަށް ސަމާލުކަން ނުދެވޭ ސިއްހަތަކަށް، އަންފިޓް ވެފައި އަންހެލްތީ ވީމަ ކިހިނެއް އުފާވެރި ލައިފެއްގައި އުޅޭނީ، ދަތުރުވެސް ކުރަން ވާނެ، އެކަމަކު ފިޓްނަސްއާ ހެލްތަށްވުރެ އެކަންކަމަށް އިސްކަން އެބަދެވޭ ޗުއްޓިއަށްދާންވީމަ އެބަދޭ ހުރިހާ ކަމެއް ހުއްޓާލާފައި، އެކަމަކު މީހާ ފިޓް ނޫނިއްޔާ ކޮބާ ބޭނުމަކީ، އަންފިޓް ވީމަ ކިހިނެއް އެ ދަތުރުގޮސް އުފާ ކުރާނީ،"

ހުވަދޫ މީޑިޔާގެ އިންޓަވިއު ނިންމާލުމަށްފަހު މަރީ ސެލްފީއެއްގައި….ފޮޓޯ:ހުވަދޫމީޑިޔާ
ހަގީގަތަށް ބަލައިފިއްޔާ އަހަރެމެން ދިވެހިންގެ ދިރިއުޅުމުގެ ބައްޓަންވެފައި ހުރީ ވަރަށް ހެލްތީ ގޮތަކަށް، އަހަރެމެން މިތިބީ ޒަމާނާއެކު މާބޮޑަށް ކުރިއަށް ޖެހިފައި. މީގެ ކުރިން މިސްކިތްދޮށަށް، އިސްކުރުބަރިއަށް ފެންބަލާ ދާންޖެހޭނެ، ހުނިގާނައި ހަވާދުފުނޑައި، ހަނޑޫފުނޑައި، ވަނުން ތަޅައިގެން އެއްޗެހި ހިމުން ކުރަން ޖެހޭނީ، ފެން އުފުލާނެ، އެހެނިހެން ބަރު އުފުލަން ޖެހޭނެ، އޭރުގެ ފެންބަލާ ދިއުން ފަދަ ކަންކަމަކީ އޭރު ވަރަށް ގިނަ ފައިދާ ލިބުނުކަމެއް، މިހާރު އެހުރިހާ ކަމެއް ބަދަލު، އަތުގަ ހުޅުގަ ބާރެއް ނުހުރޭ،
އެހެންވީމާ މިހާރު ކުރިއަށްވުރެ މާ ބޮޑަށް ވެސް ވިސްނަން ޖެހޭ. ކުޑައިރުއްސުރެ ކުދިންނަށްވެސް އަސްލު ބުނެދީ އެކުދިންވެސް އަހުލުވެރި ކުރުވަން ޖެހޭ، މިހާރު މިއޮތީ އެންމެ ބަޓަނަކުން ހުރިހާ ކަމެއް ކޮށްލެވޭ ޒަމާނަކަށް އައިސް، އެހެންވީމާ މާބޮޑަށްވެސް ސިއްހަތާމެދު ސަމާލުވާން ޖެހޭނެ.
ދެވަނަ ކަމަކަށް، ކަސްރަތޭ ބުނީމަ ދެން ބުނާނެ، ކަސްރަތު ކުރުން، ވަކިގޮތަކަށް ލައިފްސްޓައިލް ބަހައްޓާ މެއިންޓެއިން ކުރުން، މީ އެހާ ފަސޭހަ ކަމެއް ނޫނޭ! މަރީ ބުނާނީ ދުނިޔޭގައި އުޅުމަކީ ފަސޭހަ ކަމެއްތޯއޭ؟ ދުނިޔޭގައި އުޅުމަކީވެސް ފަސޭހަ ކަމެއް ނޫން! އެއްވެސް ކަމެއް ފަސޭހައެއް ނުވާނެ.
އެހެންވީމާ ވަރަށް އާދައިގެ ގޮތަކަށް ވިސްނަމާ، ކުޑައިރުވެސް އެންމެ ފަހު ޒަމާނުގައިވެސް އަދިވެސް ދަސްކޮށްދޭނެ ދަތް އުނގުޅަން، ދަތަކީވެސް އަހަރެމެންގެ ސްކެލެޓަންގެ ބައެއް، އެކަމަކު މިދަތަކީ ސްކެލެޓަންގެ މީހުންނަށް ފެންނަން އިންނަ ބައި، ކުޑައިރުއްސުރެ ދަސްކޮށްމިދެނީ ސާފުކޮށް ރީތިކޮށް އެދަތްތައް އޮފްކޮށްފައި ބަހައްޓަން، ބޮޑުވެގެން އެއްވެސް މީހަކު ބުނާކަށް ނުޖެހޭނެ ދަތް އުނގުޅިންތޯ. އޭ ދަތް އުނގުޅައިފިންތޯ، އެހެންވީމަ ކަސްރަތު ކުރުމަކީވެސް ދަތް އުނގުޅުން ކަހަލަ ކަމަކަށް ހަދާލާށޭ، އޭރުން މިއީ އެހާ ބުރަކަމަކަށް ހީ ނުވާނެއޭ، 15 މިނެޓް 20 މިނެޓް ކަސްރަތު ކުރަން ބޭނުންވާ މީހާ، ވަގުތުވާ ވަރަކުން، ކޮންމެ ދުވަހަކުވެސް ދަތް އުނގުޅަން ޖެހޭފަދައިން މިއީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަމެއްކަން، މިކަން ނުކޮށްފިނަމަ ކުރިއަށް އޮތް ހަފުތާތެރޭގައި އުނދަގުލާ ކުރިމަތިލާން ޖެހޭކަން މިކަހަލަ އާދައިގެ ގޮތަކަށް ގަބޫލުކޮށްގެން މިކަން ކުރުމުން މިއީ
"ތިންވަނަ އެންމެ މުހިންމު ކަންތައް، މީހާގެ ސްޕްރިޗުއަލް ހެލްތު، އެންމެ މުހިންމު ކަންތައް، އަހަރެމެންނަކީ މުސްލިމުން، ދަސްކޮށްމިދެނީ ފަސްވަގުތު ނަމާދުކުރަންވާނެއޭ، ޤުރުއާން ކިޔަވަން ވާނެއޭ، ރޯދަހިފައި ސޮދަގާތް ދީ މިކަހަލަ މިކަހަލަ ކަންތައްތަކެއް ކުރީމައޭ މީހާ ރަނގަޅަށް އުޅެވެނީ،
އެގޮތަށް މީހާގެ ފިޒިކަލް ބޮޑީއަކީވެސް ސްޕްރިޗުއަލް ހެލްތާއެކީގައި މީހާގެ ފިޒިކަލް ހެލްތަށްވެސް ހަމަ އެޕްރައޮރިޓީ ދީގެން ކުރަން ފެށީމަ އެހާ ބޮޑުކަމަކަށް ނުވާނެއޭ، އެހާ ސިމްޕަލް ކަމަކަށް މިކަން ވާނެކަން ޔަގީނޭ،"
މަރީގެ ވާހަކައަކީ ހަގީގަތުގައިވެސް ވަރަށްބޮޑު ފިލާވަޅެކެވެ. ބޮޑު އޮޕަރޭޝަނަކުން ސަލާމަތްވުމަށް ނެގި ފިޔަވަޅު، ސިއްހަތަށް ނުރައްކާ ވޭންހުރި ދާއިމީ ބައްޔަކާ ހަނގުރާމަ ކުރަން ޖެހުނު ވަގުތު ނެގި ފިޔަވަޅު، މަރީގެ ހަޔާތަށް ބަހާރުގެނައީ މި ފިޔަވަޅުތަކެވެ. އަދު މަރީއަކީ އެތައް ބަޔަކަށް ނަމޫނާ މިސާލެކެވެ. އަދި އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ޖޯޝާއެކު ހަޔާތުގެ ދަތުރުގައި ކުރިއަށްދާއިރު ހިނިތުންވެ ހުރެ ދުޅަހެޔޮ ސިއްހަތަކަށްޓަކައި ކުރާ ހިތްވަރަކީ ޔަގީނުންވެސް މިސާލަކަށް ބަލައިގެން ފަހަތުން ތަބާވުމަށް ހަމަ އެއްވަނައިގެ ފިލާވަޅެކެވެ. އަދި ދުޅަހެޔޮ ސިއްހަތަކަށް އެހީތެރިކަމެއް ހޯދާކަމަށް ވާނަމަ "މަރީ" އަކީ އިތުބާރު ކުރަން އެންމެ ރަނގަޅު ހޮވުންކަން ގައިމެވެ.
މަރީގެ ފިޓްނަސް ޕްރޮގްރާމަށް ހިތްވަރު ކިޔަނީ ކޮންމެވެސް ކަމެއްވީމަކަން މިހާރު އެންމެނަށްވެސް އެނގޭނެކަމަށް އުއްމީދު ކުރަމެވެ.
ހުވަދޫމީޑިޔާގެ ޓީމުގެ ފަރާތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރީގެ ކަސްރަތަށް ހުންނަ ލޯތްބާއި ދޭ ޔަގީންކަމަށް ސާބަސްދިނުމާއެކު އަދަށް ވުރަ ފަހި މާދަމާއެއް ލިބުން އެދެމެވެ!

