ދައުލަތުގެ ހަރަދު ކުރުމަށްޓަކައި ރައީސުލް ޖުމްހުރިއްޔާ އަޅުއްވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެހެން ފާހަގަ ކުރަންޖެހޭ ސަރުކާރުގެ މުހިންމު ދުވަސްތަކެއް ފިޔަވައި އެހެން ދުވަސްތައް ފާހަގަ ކުރުން ވަނީ ނިމުނަކަށް ގެނެސްފައެވެ. އަދި ކޮންމެހެން ފާހަގަ ކުރަންޖެހޭ ދުވަހެއް ވިޔަސް ވީހާވެސް ހަރަދު ކުޑަ ވާނެހެން ރޭވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ފެނަކަ އަކީ ޓެކްނިކަލް މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ކުރަމުންދާ ތަނެއްކަމުން ކޮންމެހެން ރާއްޖެއިން ބޭރަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ނޫނީ ނުކުރުމަށްވަނީ ނިންމާފައެވެ. އަދި ރަށުން ބޭރަށް ކުރާ ދަތުރުތަކުގައި ނަގުދު ފައިސާ އަތަށް ދިނުމުގެ ބަދަލުގައި،ހަރަދު ކުރުމަށްފަހު ބިލް ހުށައަޅާ ގޮތަށްވަނީ ބަދަލުކޮށްފައެވެ.
މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭ ނިސްބަތް މަދުކުރުމަށް ބާރުއެޅުމާއި، އަދި އިތުރުގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކުންފުނީގެ ޕްރިންޓިން ހަރަދު ކުޑަކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ވަނީ ކުންފުނީގެ ތެރޭގައި ކަނޑައަޅާފައެވެ.
ފެނަކައަކީ ރާއްޖޭގެ ފެނާއި ކަރަންޓް އަދި ނަރުދަމާގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ނިމިދިޔަ ސަރުކާރުން ފެނަކައިގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިމައްސަލަތައް ތަހުގީގު ކުރުމަށްވަނީ އެންޓި ކޮރަޕްޝަނަށް ހުށައަޅާފައެވެ.

