ދުނިޔޭގެ މުރަކަ ފަރުތަކުގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ ތިންބައި ނުވަތަ 72.1 އިންސައްތަ ފަރުތައް ހުދުވާން ފަށާފައިވާކަމަށް އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ ސައިންސްވެރިން ވަނީ ކަށަވަރުކޮށްދީފައެވެ.
މިއީ 1998 އަހަރުން ފެށިގެން ބޮޑެތި ހުރިހާ ކަނޑުތަކެއްގައި އެއްފަހަރާ ގާހުދުވާން ފަށާފައިވާ ހަތަރު ވަނަ ފަހަރެވެ. އެންއޯއޭއޭގެ ކޮރަލް ރީފް ވޮޗްގެ އިކޮލޮޖިސްޓް އަދި ކޯޑިނޭޓަރު ޑެރެކް މަންޒެލޯ ބުނެފައިވާގޮތުގައި އެންމެ ފަހުން 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދެމިގެންދިޔަ ގާހުދުވުމުގެ އަސަރު މުރަކަ ފަރުތަކުގެ 65.7 އިންސައްތައަށް ކޮށްފައި ނަމަވެސް ބައެއް މުރަކަތަކަށް ކޮށްފައިވާ ހަގީގީ އަސަރުތައް ފެންނަން އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަސް ނަގާނެކަމަށެވެ.
ގާހުދުވުން ނުވަތަ މުރަަކަ ހުދުވުމަކީ ފަރުތަކުން ފެންނަ ކުލަަތަކުން މުއްސަނދިވެފައިވާ މުރަކަތަކުގެ ކުލަ ފަނޑުވެ، ހުދު ކުލައަކަށް ބަދަލުވުމެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން މުރަކައިގެ ތެރޭގައި ހުންނަ މައިކްރޮސްކޯޕިކް އެލްގީ ބޭރުވުމުން ދިމާވާ ކަމެކެވެ. މުރަކަތަކަށް ކާނާ ފޯރުކޮށްދިނުމުގައި އެލްގީގެ އެހީ އާ ނުލައި މުރަކަތައް މަރުވެއެވެ. ހޫނުގަދަވާ ވަރަކަށް މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުވެ ނާޒުކު ތިމާވެއްޓަށާއި އެއަށް ބަރޯސާވާ ދިރުންތަކަަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.
ކޮރަލް ބްލީޗިން އަކީ ފެނުގެ ފިނިހޫނުމިން ތަފާތުވުމުގެ ސަބަބުން މުރަކަތަކުގެ ޓިޝޫތަކުގައި އުޅޭ ކުލަގަދަ އެލްގީ ބޭރުކުރުމަށް މަގުފަހިވާ ކަމެކެވެ. ދުނިޔޭގެ ކަނޑުގެ ސަރަޙައްދުގެ ފިނިހޫނުމިން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އާ އުސްމިންތަކަކަށް އަރާފައިވާއިރު، 2024 އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފަރުތައް ހިމެނޭ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް އަށެވެ. އެގޮތުން އޮސްޓްރޭލިއާގެ މެރިން ކޮންޒަވޭޝަން ސޮސައިޓީން ވަނީ ދެކުނުގެ ގްރޭޓް ބެރިއާ ރީފް އާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދުނިޔޭގެ ކަނޑުގެ ދިރުންތަކުގެ ގާތްގަނޑަކަށް 25 އިންސައްތަ އަށް ބަލާއިރު، މުރަކައަކީ މި ދިރުންތަކަށް ވަރަށް މުހިންމު އެއްޗެކެވެ. މީގެ އިތުރުން މުރަކަ ފަރުތައް ތޫފާންތަކާ އެކު އަންނަ ބޮޑެތި ރާޅުތަކުންނާއި ރަށް ގިރުމުން ރަށްތައް ސަލާމަތް ކޮށްދެއެވެ.
ދިގު މުއްދަތަކަށް މުރަކަތައް ހުުދުވާން ފަށައިފިނަމަ މުރަކަތައް މަރުވުން ގާތެވެ.ނަމަވެސް ފިނިހޫނުމިން އަވަހަށް ކޮންޓްރޯލް ކުރެވިއްޖެނަމަ އެހެން ދިރުންތައް ސަލާމަތްވެދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކުރިން ހުދުވެފައި ހުންނަ މުރަކަތައް އާލާކުރަން އުދަނގޫވެފައި އެހެން ބަލިތަކަށް ހުޅަހެޅުމުގެ ނުރައްކާ ބޮޑެވެ. މުރަކަ ފަރެއް މަރުވެއްޖެނަމަ އެތާނގައި ދިރިއުޅޭ މަސްތައް އެތަނުން ނިކުމެގެން އެހެން ދިމާލަކަށް ދެއެވެ.
މެދުތެރޭގެ ޕެސިފިކް ގައުމެއް ކަމަށްވާ ކިރިބަޓީގެ މަސްވެރިން ދިރިއުޅުމަށް ބަރޯސާވަނީ ފަރު މަހުގެ އާބާދީއަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑު ހޫނުވެ، މި ފަރުތައް ހަލާކުވެގެން ދިޔުމުގެ ސަބަބުން ޕްރޮޓީން ހިމެނޭ ފަރު މަހުގެ އަގުހެޔޮ ބާވަތްތައް ލިބުމަށް ދަތިވެ ފަތުރުވެރިކަމަށް ވެސް ވަނީ އޭގެ ނޭދެވޭ އަސަރު ކޮށްފައެވެ. މީގެ އިތުރުން ރަށްތައް ވަށައިގެންވާ ދިފާއީ ނިޒާމު ގެއްލިގެން ދެއެވެ. އެގޮތުން މަންޒެލޯ ފާހަގަ ކޮށްފައިވާ ގޮތުގައި ކެންސަރުގެ ބައެއް އެކްސްޕެރިމެންޓަލް ބޭސްތަކަކީ މުރަކަ ފަރުތަކުގައި ހުންނަ ކޮމްޕައުންޑްތަކުން ލިބޭ ބޭސްތަކެއް ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ކޮރަލް ރީފް ރިސްޓޯރޭޝަން އެކްސަސައިޒްތަކާ ބެހޭ ގޮތުން މަންޒެލޯ ބުނެފައިވަނީ ކޮރަލް ރީފް މެނޭޖްމަންޓް ސައިންސް ކޮމިއުނިޓީއަށް އޮތް އެންމެ ބޮޑު ބިރަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް 20-30 އަހަރުގެ ތެރޭގައި މުރަކަ ފަރުތަކަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބުން ކަމަށެވެ.
މުސްތަގުބަލުގައި މުރަކަތައް ހުދުވުންވުމުން ސަލާމަތްކޮށްދޭ ރެސިސްޓެންޓް ޖީންއެެއްގެ ހޯދަމުން އަންނަ ކަމަށާއި އަދި އެ ޖީން އެކުލެވޭ މުރަކަތައް އާލާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް މަންޒެލޯ ބުނެފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އިންޓަގަވަމެންޓަލް ޕެނަލުން މުސްތަގުބަލުގައި 2 ސެލްސިއަސް އިތުރަށް ހޫނުވެއްޖެނަމަ ދުނިޔޭގެ މުރަކަތަކުގެ 99 އިންސައްތަ ގެއްލޭނެ ކަމަށް އަންދާޒާކޮށްފައިވާތީ، ދުނިޔެ ހޫނުވުން ހުއްޓުވުމަށް ޓަކައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ވީހާވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ މެދު ފިޔަވަޅު ނޭޅުމުގެ ސަބަބުން ދުނިޔޭގެ ގިނަ މުރަކަ ފަރުތައް ނެތިގެން ހިނގައިދިޔުން މިއީ ހިތާމަވެރި ކަމެކެވެ.

