ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެމްކޯގެ ޙިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ތިނަދޫ ސިޓީގައިވެސް ވެމްކޯގެ ޙިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮއްފިއެވެ.
މި ހަފްލާ ރަސްމީކޮށް އިފްތިތާޙްކުރެވުނީ މިއަދު ތިނަދޫ މިއުޒިއަމް ޕާކުގައި ހަވީރު 45: 16 ގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިޤް އިބްރާހިމްއާއި، އެ ވުޒާރާއަށް ނިސްބަތްވާ އެހެނިހެން އިއްޒަތްތެރީނަން ބައިވެރިވަޑައިގަތެވެ.
މީގެއިތުރުން، ތިނަދޫ ސިޓީ ކައުންސިލްގެ މޭޔާރ ސަޢުދް ޢަލީއާއި، ތިނަދޫ ސިޓީ ކައުންސިލްއަށް ނިސްބަތްވާ އެހެނިހެން ބޭފުޅުންނާއި، އެ ސިޓީގެ އެހެނިހެން މުޢައްސަސާތަކަށް ނިސްބަތްވާ ބޭފުޅުންވެސް ބައިވެރިވަޑައިގަތެވެ.
ވެމްކޯއިން ބުނީ ތިނަދޫ ސިޓީގައި ވެމްކޯގެ ޚިދުމަތްތައް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނެގުމުގެ ޙިދުމަތުން ކަމަށާއި، މީގެއިތުރުން، އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ޚިދުމަތްވެސް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.16ރ، ގޭބިސީތަކުން 150ރ، ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27ރ، އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660ރ ގެ ރޭޓުން ޚިދުމަތްތަކަށް އަގުކުރެވިގެންދާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދު (2013/ (R-58 ގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި މައުދަން އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ އެ ކޯޕަރޭޝަނުން އުކާލާ ކުންޏާ ހަވާލުވުމަށް އުޒުރުވެރި ވާނެ ކަމަށްވެސް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ. ވެމްކޯއިން އިތުރަށް ބުނީ ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތް ތިނަދޫ ސިޓީގައި ތަޢާރަފު ކުރެވިގެންދާނެކަމަށެވެ.

