ކުއްޖާއަށް 2 އަހަރު ވަންދެން ދޭންޖެހޭ ކާނާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފިއެވެ.
“ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ”ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ފޮތް ނެރެދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ފޮތަކީ ކުއްޖާގެ ފުރަތަމަ 1000 ދުވަހު ކުޑަކުދިންގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޞިއްހީ ގޮތުން ރަނގަޅު ރެސިޕީތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ޝިރުނާ ވިދާޅުވީ ޢުމުރުން 2 އަހަރުވުމާ ހަމައަށް ތުއްތު ކުދިންނަށް ދަރިފުޅަށް ރަނގަޅު ކާނާ ދިނުން އެކުދިންގެ މުސްތަޤުބަލު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެއީ ދުވަސްވަރަކީ ކުއްޖާ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހެދިބޮޑުވެ، ވަރަށް އަވަހަށް ސިކުނޑި ތަރައްޤީވަމުން އަންނަ ދުވަސްވަރެއްކަމަށްވާތީކަމަށް ޝިރުނާ ވިދާޅުވިއެވެ.
“ރާއްޖޭގައި ކުޑަކުދިންގެ ހެދިބޮޑުވުމަށް މައިންބަފައިން އިސްކަންދޭ. ކޮންމެ ކުއްޖަކު ދުނިޔެއަށް އުފަންވަނީ މައިންބަފައިގެ ފޮނި އުންމީދުތަކާއި ހުވަފެންތަކާއެކު. އުންމީދުކުރަނީ މި ހުވަފެންތައް ހާސިލްކުރުމަށް އެހީތެރިވެދޭނެ ވަޞީލަތަކަށް މިފޮތް ވާނެކަމަށް” ޝިރުނާ ވިދާޅުވިއެވެ.
“ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ” މި ފޮތް ތައްޔާރުކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އާއި ޔުނިސެފް އަދި އެޑްވަކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން، އާކް ގުޅިގެންނެވެ.
ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ފޮތް އޮންލައިންކޮށް ޞިއްޙީ ވުޒާރާގެ ވެބްސައިޓުން ކިޔާލެވޭނެއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ފޮތުގައި ކުޑަ ދަރިފުޅަށް 6 މަސް ފުރުމުން، ދަރިފުޅަށް ފައިދާ ހުރި ކާނާ ދޭން ފަށާނެ ގޮތާއި ކާނާ އިޚުތިޔާރު ކުރާނެ ގޮތުގެ އިތުރުން ކެއިން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރާނެ ގޮތުގެ މަޢުލޫމާތު ހިމެނޭނެ ކަމަށެވެ. މި ފޮތުގައި 30 ރެސިޕީ ހިމެނެއެވެ.

