ސަރުކާރު ބަދަލުވިފަހުން މިހާތަނަށް އިމިގްރޭޝަނުން 2000 އާއި ކައިރި ކުރާ އަދަދަކަށް ބިދޭސީން ޑީޕޯޓްކޮށްލައިފިއެވެ.
މީގެ ތެރޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނާއި އެކިއެކި ކުއްތަކަށް އަރައިގަންނަ ބިދޭސީންނާއި، އަދި ކުށުގެ ވެށިން ހައްޔަރުކުރާ ބިދޭސީން ހިމެނެއެވެ.
ބިދޭސީންގެ މައްސަލައަކީ ހައްލުނުވެ އޮތްބޮޑު މައްސަލައެކެވެ. އެހެންނަމަވެސް އިމިގްރޭޝަންގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ފަހު ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭބިދޭސީންނާއި އަދި ގަވާއިދާއި އެއްގޮތަށް އުޅޭ ބިދޭސީންގެ ކަންކަން ހިނގަމުންދާ ގޮތް ދަނީ ކައިރިން ބަލަމުންނެވެ. މީގެ އިތުރުން ކުރިން ބިދޭސީންގެ ލިޔެކިޔުން ގެންގުޅުމުގައި ފަރުވާކުޑަވެ، ދައްކަންޖެހޭ އެކިއެކި ފީތައް ދެއްކުމުގައި އިހުމާލުވެފައި ވެއެވެ. ނަމަވެސް މިހާރު ބިދޭސީންގެ ފީތައް ބަރާބަރަށް ނުދައްކާ ފަރާތްތަކުގެ ކޯޓާތައް ވަގުތުން ބާތިލްކުރުން ފަދަ ކަންކަން ދަނީ ކުރައްވަމުންނެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވިދާޅުވީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ބޭރު ކުރުމަށް ވަރަށް ބާރަށް އިމިގްރޭޝަނުން މަސައްކަތްތައް ކުރިއަށް އެބަ ގެންދާ ކަމަށާއި ކޮންމެ ހަފްތާއަކު ބޮޑެތި ދެތިން ރެއިޑް އޮޕަރޭޝަން އެބަ ހިންގާކަމަށެވެ.

އަދި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ. އެހެންކަމުން ސަރުކާރުގެ ގުޅުންހުރި ގިނަ މުއައްސަސާތަކާއި ގުޅިގެން މި މައްސަލަ ހައްލުކުރަން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ޝައްމާން ވިދާޅުވިއެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރިއިރު ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި އުޅުނު ދެ ބިދޭސީއަކު ރޭވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި އުޅުނު ބިދޭސީންތަކެއް މިދިޔަ މާޗު 9 ގައި ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، ޑީޕޯޓު ކޮށްލާފައި ވެ އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން އެއީ ވެސް ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރި މީހުންނެވެ. އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި ވިސާގެ ހުއްދައިގެ ބޭރުން މަަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ޝަމްޢާން މީގެ ކުރިން ވިދާޅުވީ އިމިގްރޭޝަންގެ ޚިދުމަތުގެ 75ވަނަ އަހަރު ގުންނަން ފަށާފައިވާއިރު، މިއީ މުޅިން އައު ފެށުމަށް ވެގެންދާނެކަމަށެވެ.
އެގޮތުން މިއަހަރު ވެގެންދާނީ އިމިގްރޭޝަނާ ގުޅުންހުރި ދާއިރާއިން ޒަމާނީ ބަދަލުތަކާއެކު ޚިދުމަތްތައް ތަރައްޤީކޮށް ލުއިފަސޭހަކޮށް، ބޮޑެތި ބަދަލުތަކެއް ފެންނާނެ އަހަރަކަށްކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަންޢާން ވަޙީދު ވިދާޅުވިއެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންކަމަށް އިސްކަންދީ، މުވައްޒަފުންގެ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ޝަމްޢާން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އެންމެ ބޮޑު އެއްއަމާޒު ކަމުގައި ވަނީ ބުުނެފައެވެ.

