1966 ވަނަ އަހަރު، ހަވަރު ތިނަދޫ އަށް މީހުން އާބާދު ކުރި ފަހުން ފާއިތުވި 58 އަހަރުގެ ތެރޭގައި އެންމެ އެންމެ އެއް މައްސަލަ އަކަށް ވެފައިވަނީ ރަށުން އުފެދޭ ކުނި ނައްތާ ނުލެވި އޮތް މައްސަލައެވެ. 19 ސަތޭކައިގެ އަހަރުތައް ނިމިގެން ދިޔަ އިރު އާބާދީ ގޮތުން 6 ހާހަށް ވުރެ ބޮޑު ގދ ތިނަދޫ ކުނި އުކަމުން ދިޔައީ ރަށުގެ ގޮނޑުދޮށަށެވެ. މުޅި ރަށް ވަށާ ލެވިފައި ވަނީ ކުނިންނެވެ.

ތިނަދޫ މާފުށީގައި 2003 ހެދި ކުނި ސާފު ކޮށް ބަލަހައްޓާ ރައްޔިތުން އާ އޭރުގެ ހެލްތު މިނިސްޓަރު އަހުމަދު އަބްދުﷲ އަދި އަތޮޅު ވެރިޔާ ޝުއައިބް ޔޫސުފް ބައްދަލު ކުރައްވަނީ. ފޮޓޯ އަޚްތަރު
މި މައްސަލައިގެ ނާޒުކު ޙާލަތުން އަރައި ގަތުމަށް އެއިރުގެ ރަށު އޮފީހުގެ ކަތީބުންނާއި ރަށް ކުރި އަރުވާ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ދިޔައީ ސަރުކާރުގައި އާދޭސް ކުރަމުންނެވެ. ނަމަވެސް އޭރުގެ ސަރުކާރުގައި އެކަމަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
2000 ގެ އަހަރުތައް ފެށުމާއި އެކު ސަރުކާރުން ތިނަދޫ އުތުރު އަދި ހުޅަނގު ފަރާތުން ބިން ހިއްކުމުގެ މަޝްރޫއެއް ފެށި އެވެ. 2 އަހަރާއި 3 އަހަރާއި ދެމެދު އެ މަޝްރޫޢު ނިމުމުން ސާތާ ދިމާކޮށް ރަށު އޮފީހާއި 2 ކޮމިޓީން ރަށް 3 ބަޔަކަށް ބަހައި ސަރަހައްދީ ކުނި ކޮށި ތައް ހަދައި ވާދަވެރި ރޫޙަކުން ކުނި ޖަމާކޮށް ނައްތާލުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އަހަރަކައް ފަހު އަހަރެއް ދިޔައީ އުފެދޭ ކުނީގެ ޢަދަދު ގިނަވެ އޮބި ނޯންނަ ފަށަށް އަރަމުންނެވެ. އެގޮތަށް ރައްޔިތުންނަށް ހިފަހައްޓާލެވުނީ އަހަރެއްހާ ދުވަސް ވަންދެނެވެ.
2008 ގައި ރާއްޖެއަށް އައި ސިޔާސީ ބޮޑު ބާދަލާއެކު ރަށު ކައުންސިލް އިންތިޚާބު އައި އިރުވެސް ތިނަދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކަށް ވެފައިވަނީ ކުރީގެ މައްސަލައެވެ. ކުރިން ހުރި ކުދި ކުދި ކުނި ފުނިތައް ބޮޑެތި ކުނި ފަރުބަދަ ތަކަށްވެ އެ ކުނި ތައް އަންދާލާ ދިއުމުން މުޅި ރަށް ތަޣައްޔަރު ވާ މައްސަލައެވެ. ވިހަ ދުން ތަކުން ރަށު ރައްޔިތުންގެ ނޭވާ ހޮޅި ބެނދި އޭގެ އަސަރުން އެތައް ސިއްޙީ މައްސަލައެއް ކުރިމަތިވެފައިވާ މައްސަލައެވެ.

ތިނަދޫ ކުނި ކޮށި، ކުރީގެ ޙާލަތު. ފޮޓޯ އަޚްތަރު
ސަރުކާރާއި ކައުންސިލްތައް، ދައުރަކަށް ފަހު ދައުރެއް ނިމި 2023 އާއި ހަމަޔަށް އައި އިރު ވެސް ތިނަދޫ ގެ ކުނޑީގެ މައްސަލަ އަށް އެކަށީގެންވާ ޙައްލެއް ގެނެވޭ ގޮތް ނުވިއެވެ.
މިހާރު ތިނަދޫގައި އިންތިޚާބު ކޮއްފައި އޮތް ކައުންސިލްގެ އެންމެ ބޮޑު ދޭން ފެށި އެއްކަމަކީ ކުނީގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމެވެ. އެގޮތުން ނިމި ދިޔަ ސަރުކާރުގެ ކަމާ ގުޅުން ހުރި ވުޒާރާ، އެންވައަރަމަންޓް މިނިސްޓްރީ އަދި ސަރުކާރު ކުންފުނި ވެމްކޯގެ އެހީއަށް އެދުނެވެ. ތިނަދޫ ފަދަ ރަށެއްގައި މި މައްސަރު ހައްލު ކުރެވޭނެ ފަރާތަކީ އެއީ ކަމަށް ވާތީ އެވެ.
ނަމަވެސް ސަރުކާރު ނިމުމަކަށް ދިޔަ އިރުވެސް ވެމްކޯ އޮތީ ނަމެއްގައެވެ. 30 ވަރަކަށް މުވައްޒަފުން ނަގާފަ މުސާރަ ދޭ ބައެއް ގޮތުގައެވެ.
މިއަދުގެ ސަރުކާރުގެ ރެދަލި ވެގެން އައީ ތިނަދޫ ގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމަށް މެނިފެސްޓޯގައި ލިޔެ ތަރުތީބު ކޮށްގެނެވެ.

ވެމްކޯ އިން ތިނަދޫ ސިޓީ ގައި ކުނި މެނޭޖް ކުރަން ފެށުން
ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށް "މަގޭ ސާފު ރާއްޖެ" ނަމުގައި ޕްރޮގްރާމެއް ހިމަނައިގެންނެވެ. ސަރުކާރުގެ ފުރަތަމަ ފިޔަވަޅާއެކު އެ ޕްރޮގްރާމް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުއިފްތިތާހްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފްތިތާހް ކޮށްދެއްވި "މަގޭ ސާފު ރާއްޖެ" އަކީ
ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމެކެވެ. ޑރ މުހައްމަދު މުއިއްޒު ގެ ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައިވާ ވެސް ހިމެނޭ ، ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ގައުމީ މަޝްރޫއެއްގެ ތެރެއިން ތިނަދޫ ސިޓީ އަށް މިވަނީ ޒަމާނުއްސުރެ ޙައްލު ނުވެ އޮތް ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދީފައެވެ.
"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ މައިގަނޑު މަގްސަދުގައި ހިމެނޭ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖް ކުރުމުގެ ފުރިހަމަ ނިޒާމް ތަކެއް ވަނީ ގާއިމު ކުރެވިފައެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒެއް ތަރައްގީކޮށް އެ މަރުކަޒަށް ކުނި ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖެއްސާފައެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖު ކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ވަނީ ހިންގަން ފަށާފައެވެ. ޒަމާނީ އާލާތްތަކާއި އުޅަނދު ތަކާއި އެކު ފިސާރި ވަރުގަދަ ޓީމަކާއެކު މަސައްކަތް ފަށައި ރަސްމީ ސިފަ ގެނެސްފައެވެ.
ވެމްކޯގެ ހިދުމަތްތައް ތިނަދޫ ސިޓީ ގައި ފެށުމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ރަސްމީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމް، ރާއްޖޭގައި ކުނި މެނޭޖު ކުރުމަށް ހުރި ދަތިތަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރެވެމުންދިޔަ ގޮތަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ރާއްޖޭގައި ވަސީލަތް މަދު ކަމާއި، ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ހަރަދުކުޑަގޮތެއްގައި އެ މަސައްކަތްކުރުމަކީ ހުރި ގޮންޖެހުމެއް ކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ވަނީ ލޯންޗް ކުރެވިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މާސްޓަރ ޕްލޭނެއްގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ތިނަދޫ ސިޓީ އަށް މި އޮތީ ކުނީގެ މައްސަލަ އަށް ދާއިމީ ޙައްލެއް ގެނައުމުގެ ބޮޑު މަސައްކަތް ވެމްކޯ އިން ފަށާފައި ކަމަށާ "ދެން ތިނަދޫ ސިޓީ ކުނި ކޮށިން ދުން ނައަރާނެ. އެކަން މި ނިމުނީ،" ކަމަށެވެ.
ކުނި މެނޭޖް ކުރުމަށް މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ސިޓީ ތަކުގައި މަސައްކަތް ފަށާފައިވާ ސަރުކާރު ކުންފުނި ވެމްކޯގެ އަމާޒު ހުރީ އެންމެ ސާފު ސިޓީއަށް ހެދުމަށެވެ. ތިނަދޫ ސިޓީ ރައްޔިތުން ތިބީ މި ބަދަލާއި، ލިބުނު ކުރިއެރުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

