ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހް އެ މަގާމުން ވަކިކޮށްފި އެވެ.
އިމާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ ސަރުކާރުގައި، އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ނޮވެމްބަރު 1، 2022 ގަ އެވެ.
ނެޝަނަލް ޑްރަގް އެޖެންސީގެ އޮފިޝަލަކު ވަނީ ” ހުވަދޫ ” އަށް މިކަން ކަށަވަރުކޮށްދީފައެވެ. އަދި މިވަގުތު އެންޑީޢޭއާއި ހަވާލުވެ ހުންނެވީ އެކްޓިން ސީއީއޯ އަހުމަދު ރާޝިދު ( ރާޑޯ ) އެވެ.
އެންޑީއޭގެ ފުރަތަމަ ބޯޑު ބައްދަލުވުމަށް ވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުން އިމާދު ވަކިކުރި އެންޑީއޭގެ ހިންގުމުގެ އެސެސްމަންޓެއްވަނީ ހަދާފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެންޑީއޭގެ ހިންގުން ބޮއްސުންލައިގެން ދިއުމުން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެތަނުގެ މައްސަލަތަކެއް ބަލައިފަ އެވެ.
އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް، އެހީ ބޭނުންވާ މީހުންނާއި އާންމުން އަބަދުވެސް ބުނެ އެވެ.

