މާލޭގައި ހަށިއްވާކަމުގެ ތުހުމަތުގައި ހައްޔަރަށް ގެންދިޔަ ދިވެހި މީހާ ދޫކޮށްލައި ހައްޔަރުކުރި ތައިލެންޑް 3 އަންހެނުންގެ ބަންދަށް 15 ދުވަސް މިއަދު ކޯޓުން ޖަހައިފިއެވެ.
ރޭ ހިންގި އޮޕަރޭޝަންގައި އެ ތަން ބަަލައި ފާސްކޮށް، ހައްޔަރުކުރީ 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތު ކުރުމަށް ފަހު ދިވެހި ފިރިހެން މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތައިލެންޑުގެ ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ވެސް ޕޮލިހުން ބުންޏެވެ.
މިދިޔަ ހަފްތާގައި ވަނީ މާލޭގައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމްގެ ދެ އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މީހުން ހައްޔަރުކުރީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ސްޕާގެ ނަން ބޯޑު ޖަހައިގެން މާލޭގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ވަރަށް ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ.
އެކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ އަންހެނުން ދަނީ އެ މީހުންގެ ފޮޓޯ އާއި މޮބައިލް ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.

