ސްޓެލްކޯއިން ބުނީ "ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާސް" ގެ ނަމުގައި މި ހަފުތާގެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވެފައިވާ ކަމަށެވެ.
މި މަހާސިންތާގައި އެ ކުންފުނީގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ "ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" އިފުތިތާހު ކޮށްދެއްވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި 351 ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތް އިފުތިތާހު ކޮށްދެއްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަމުގަ އެވެ. މި ފޮތުގައި ސްޓެލްކޯގެ ހިދުމަތުގެ ތާރީހާއި ތަސައްވުރާއި އަމާޒުގެ އިތުރުން އިންޖީނުގެތަކުގެ އޮނިގަނޑާއި އިންޖީނުގެތަކުގެ މަސައްކަތްތަކާއި ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ކުންފުންޏާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފަ އެވެ.

ސްޓެލްކޯގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާގެ ތެރެއިން /ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއަކީ ވަސީލަތްތަކާއި މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި ގާބިލު ކަމަށް ބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއްކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ސްޓޭޝަން މެނޭޖަރުން ވެސް ޑިވެލޮޕްމަންޓް ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެ މަގަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާގެ ތެރެއިން /ފޮޓޯ: ސްޓެލްކޯ
އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި މުވައްޒަފުންނާ ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށް ވުރެ ކުރިއަރައިދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާގެ ތެރެއިން /ފޮޓޯ: ސްޓެލްކޯ
ސްޓޭޝަން މެނޭޖަރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުރިހާ މުވައްޒަފުންގެ ފިކުރަކީ ގައުމީ އެއް ފިކުރަކަށްވާން ޖެހޭނެ ކަމަށާއި ކުންފުނީގެ ހަރަދުތައް ކުޑަކުރުމާ އެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

