އާޝާ ގެއްލުނީ ކަމަށް ހީކޮށް ހިތާމަކުރި ޒުވާނުންނަށް މި އޮތީ އުފާވެރި ހަބަރެކެވެ. އާޝާ އަދިވެސް އެހެރީ ހަމަ ހުހަށެވެ. އެއްވެސް މީހަކާއެކު ޒަވާޖީ ހަޔާތެއް ފަށައި މުޅި އުމުރު އެކުގައި އުޅެން ހަގީގީ ވައުދެއް އާޝާ ނުވެއެވެ.
ސޯޝަލްމީޑިޔާއަށް އާޝާ ދޫކޮށްލި ފޮޓޯއާއި އެއާއެކު ހޭޝްޓެގަށް އައިސްފައިވާ ބަސްތަކުން ހިތްތައް ކުދިކުދިވެ މުޅި ސޯޝަލްމީޑިޔާގައި ހިއްސާ ވަމުން ދިޔައީ މިކަމާ ބެހޭ ވާހަކަތަކެވެ. އަބަދަށް މުޅިި އުމުރަށް." ކަމަށް ބުނެ ހޭޝްޓެގާއިއެކު ލަވް ސްޓޯރީ، އޭޖް އިޒް ޖަސްޓް އަ ނަންބަރ، މެރިޑް ލައިފް އަދި ޓްރޫ ލަވް ފަދަ އިބާރާތްތަކުން ހިތްތައް ދިޔައީ ހަލާކުވަމުންނެވެ.

އާޝާއާއި ދަރާ ރަޝީދު….ފޮޓޯ:ސޯޝަލްމީޑިޔާ
ފާޑުކީ މީހުން ގިނައެވެ، ބަސްތައް ހުހެއް ނުވިއެވެ. މުޅި ރޭ ދިޔައީ އާޝާ ފައިސާ އަށް ދަރާ ރަޝީދާ ކައިވެނި ކުރި ވާހަކައިގެ އެކި އެކި ހިޔާލުތައް ބަދަލު ކުރުމުގައެވެ. މަދުމަދުން ދެމީހަކު ތިންމީހަކު ތިއީ ސޯޝަލް ސްޓަންޓެކޭ، ފިލްމެއް ޕްރޮމޯޓް ކުރަނީއޭ ވެސް ކިޔެވެ. އެހެންނަމަވެސް އެ ދެބަސް ވައިގައި ހިފާ ގޮތެއް ނުވިއެވެ.
އެކަމަކު ދެން މިވީ މާ އެހެންކަހަަލަ ގޮތެކެވެ، ހަމަ އޭގެ އެހެން ތަސްވީރެއް ސޯޝަލްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ. ނަތާޝާ ޖަލީލް އާއްމުކޮށްފައިވާ ޕޯސްޓުގައި ދަރާރަޝީދާއެކު ހަމަ އެފަދަ އެހެން ތަސްވީރެއްގައި ނަތާ ހުރިއިރު ބުނެފައިވަނީ މި އާ ދަތުރުގައި ބާރާއި އެއްބައިވަންތަކަން ބަލައިގަންނަ ކަމަށާ އެންމެންނަށް އިންސާފުވެރިކަމާއި ލޯބި ލިބުމަށް އެދޭ ކަމަށާއި އަދި ދޮށީ އަނބިމީހާގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލުމަށް އެދޭ ކަމަށެވެ.

ނަތާޝާއާއި ދަރާ ރަޝީދު….ފޮޓޯ:ސޯޝަލްމީޑިޔާ
އަސްތަ މިވީ ކިހިނެއްބާވައެެވެ، ދަރާ ރަޝީދު ދަންނަ ގާތް މީހުންވެސް ތިބޭނެތާއެވެ، އެކަމަކު އެއިން އެއްވެސް މީހަކު މިކަމަށް ބަހެއް ބުނެނުލައެވެ، ހަގީގަތް ހާމަވުމުން ގައިމުވެސް އެއްބަޔަކު ހަމަ ނޭވާ ލައިފިއެވެ. އެއީ އާޝާގެ ހުވަފެންތަކުން އެބައެއްގެ ރޭތައް ޖަރީވާ ޒުވާނުންނެވެ. އެމީހުންނަށް ލިބުނު ހިތްހަމަޖެހުމަކީ ދަރާ ރަޝީދާ އެކު އެމީހުންގެ މުނިޔާ އަދި އުދުހިގެން ނުދާ ކަމުގެ ޔަގީންކަމެވެ. ނަތާޝާ އާއެކުގައި ދަރާގެ ތަސްވީރު ފެނުމާއެކު ގިނަ މީހުންނަށް ވެގެން މިއުޅެނީ ކީއްކަން އެނގިއްޖެއެވެ.
"އަސްތާ. ހަމަ ތެދެއް. ފިލްމެއްގެ ޕްރޮމޯ އެކޭ ދޯ؟" މޭގައި އަތް އަޅާ ހަމަ ނޭވާއެއް ލަމުން މިހެން ބުނެވުނު މީހުންވެސް ތިއްބެވެ.
އެއް ކަމެއްޔަގީނެވެ. މިފަހަރު ފިލްމެއްގެ ޕްރޮމޯޝަނަށް މި ޖެއްސި ސްޓަންޓަށް، މިހާތަނަށް ރާއްޖޭގައި ނުލިބޭ ވަރެއްގެ ތަރުހީބެއް ލިބިއްޖެއެވެ. ދިވެހި ފިލްމީ ފަންނާނުންގެ ވިސްނުމާއި ފިކުރު ތަރައްގީ ވެއްޖެ ކަމަށް ގަބޫލުކުރަން ޖެހިއްޖެއެވެ. ފިލްމެއްގެ އިޝްތިހާރަށް ކުރެވޭ މަސައްކަތަކީ މުޅި ފިލްމުގެ ކާމިޔާބީގެ އަސްލެވެ. އެހެންކަމުން މިފަހަރު ދަރާރަޝީދުގެ ހަޔާތުގެ ސޮފްހާތަކުގެ މަންޒަރު ބަލާލަން އޮލިމްޕަހަށް ވަންނާނެ މީހުން ގައިމުވެސް ގިނަވާނެ ކަމަށް ގަބޫލު ކުރަން ޖެހުނީއެވެ.

