ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ “ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް” އިފްތިތާހު ކޮށްފިއެވެ.
މި ފޮތް ލޯންޗުކޮށްފައިވަނީ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައެވެ. 351 ސަފްހާގެ މައްޗަށް އެކުލެވޭ އެ ފޮތް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
އެ ފޮތުގައި ކުންފުނީގެ ޚިދުމަތުގެ ތާރީޙާއި، ތަސައްވުރާއި، އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ވެސް ކުންފުންޏާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.
ސްޓެލްކޯ އިން ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ބޭނުންކުރާ އިންޖީނުތައް ބަދަލުކޮށް ޒަމާނީ ފެންވަރަށް އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ފަހުމީ މީގެ ކުރިން ވިދާޅުވެފައިވާއިރު، އެ އިންޖީނުތައް ބޭނުންކުރާނެ ގޮތް ފޮތުގެ ޒަރީއާއިން އެނގިގެންދާނެއެވެ.

